މަޖިލިސް ހުޅުވުމުން ބަދަލު ފެންނާނެ - މެމްބަރު ހުސައިން މުހައްމަދު

ޖޫން 5 ގައި ރައްޔިތުންގެ މަޖިލިސް ހުޅުވޭ އިރު ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ފެންނާނެ ކަމުގައި ޖުމުހޫރީ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހުސައިން މުހައްމަދު ވިދާޅުވީ، ޖޫން 5ގައި މަޖިލިސް ހުޅުވުމަށް ފަހު، ޤާނޫނު ތަކަށް މިސަރުކާރުން ގެނެސްފައިވާ ބަދަލުތައް އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބުމުން އިއާދަ ކުރާނެ ކަމުގައެވެ. ހުސައިން މުހައްމަދު ވިދާޅުވީ، ޤާނޫނު އަސާސީއަށް ގެނައި ބަދަލުތައް އިއާދަ ކުރުމުގައި ދަތިތަކެއް ހުރިނަމަވެސް ޤާނޫނުތަކަށް މިސަރުކާރުން ގެނައި ނުރަނގަޅު ބަދަލުތައް އިސްލާހު ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ހުސައިން ވިދާޅުވީ، ޤާނޫނު އަސާސީ އަށް ގެނައި ބަދަލުތައް އިއާދަ ކުރެވޭނީ 64 މެމްބަރުންގެ ތާއީދު ލިބިގެން ކަމަށާއި، އެކަމުގައި ހުރިހާ ޕާޓީއެއްވެސް ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމުގައެވެ.
ރައީސް ޔާމީންގެ ފެކްޝަނުގައި ތިއްބެވި މަޖިލިސް މެމްބަރުންނަށް އިޝާރަތް ކުރައްވައު ހުސައިން މުހައްމަދު ވިދާޅުވީ، އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ނޫންކަމުގައެވެ.
"މަޖިލިސްގެ އަޤުލަބިއްޔަތު ލިބުމަކީ 42 ނުވަތަ 43 އަޅުގަނޑުމެންނަށް ލިބުން. އެވަރަކުން އަދި ޤާނޫނު އަސާސީއަކަށް ބަދަލެއް ނުގެނެވޭނެ. ޤާނޫނު އަސާސީއަށް ބަދަލުގެންނަން 3/4ގެ މެޖޯރިޓީއެއް ބޭނުން ވަނީ. އެހެންވީމަ ހުރިހާ ޕާޓީއެއް ގުޅިގެން ކުރަންޖެހޭ ކަމެއް އެއީ" ޤާނޫނު އަސާސީއަށް މިސަރުކާރުން ގެނެސްފައިވާ ނުރަނގަޅު ބަދަލުތައް އަނބުރާ އިއާދަ ކުރަންޖެހޭކަން ފާހަގަ ކުރައްވައި ހުސައިން މުހައްމަދު ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ދުރު ކުރާނެ ކަމަށާއި އެކަމަކު އެއީއަކީ ސަރުކާރުން ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމުގައެވެ. އަދި މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި މަސީހު އިންނަވައި، މަޖިލީހުގެ ބާރުތައް ކަނޑުވާލައި ނިކަމެތިކޮށްލައްވާފައި ވާކަމުގައި ހުސައިން މުހައްމަދު ވިދާޅުވިއެވެ.
އަދި މިކަންކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ތަރައްޤީއަށް ހުރަސް އަޅަނީ ކަމުގައި ބުނެ ދައްކާ ވާހަކަތަކަކީވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމުގައި ހުސައިން މުހައްމަދު ވިދާޅުވި އެވެ.
18 ވަނަ ރައްޔިތުންގެ މަޖިލިސް 5 ޖޫންގައި އައު ދައުރަކަށް ހުޅުވޭ އިރު، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަރ މެޖޯރިޓީ ވަނީ ގެއްލިފައެވެ. އަދި އައު ދައުރަށް މަޖިލިސް ހުޅުވުމުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު އަނެއްކާވެސް އަލުން މަޖިލީހަށް ވައްދާނެ ކަމުގައި އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ކުރިޔަށް އޮތް ދައުރުގައި މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވިފައި ވާއިރު، އިތުބާރުނެތްކަމަށް ފާސްކޮށް ވަޒީރުން މަޤާމުން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ކަނޑައަޅައި ދިނުމަށް ބަންޑާރަ ނައިބު ސްޕްރީމްކޯޓަށް ވަޑައިގެންނެވި މައްސަލައިގައި ސްޕްރީމްކޯޓުން ވަނީ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ އެކޯޓުން ކަމުގައި ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ