ގައުމު ދެކެ ލޯބިވާން، ގައުމަށް ހިދުމަތް ކުރަން، ގައުމަށް ހެޔޮ އެދޭން، ވަކި އުމުރެއް ނެތް - މައުމޫން

ގައުމު ދެކެ ލޯބިވާން، ގައުމަށް ހިދުމަތްކުރަން، ގައުމަށް ހެޔޮ އެދޭނެ ވަކި އުމުރެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ، މައުމޫން ރިފޯމް މޫމަންޓް (އެމްއާރްއެމް)، މޯލްޑިވްސް ރިފޯމް މޫމަންޓުގެ ނަމުގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރައްވާނެކަން އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައެވެ.
މައުމޫން ކުރިން ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކަނޑައަޅާ ނިންމާފައިވާ ކޮންގްރެސްއަކީ ސައްހަ ކޮންގްރެސްއެއް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް އިއްޔެ ސްޕްރީމް ކޯޓުންވެސް ތާއީދު ކޮށްފައިވާ އިރު، އެ ޕާޓީ މައުމޫނަށް ލިބުން އޮތީ ދުރުގައެވެ.
މައުމޫން މިއަދު ވިދާޅުވީ އިއްޔެގެ ނިންމުމާއެކު އެމްއާރްއެމްއަށް ހިތާމައަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އެހިސާބުން ހުރިހާ ކޮމެޓީތަކެއް ބައްދަލުވެ މައުމޫނުގެ ފިކުރުގެ މީހުން ކަންކުރާގެ ވަކިގޮތެއް ނިންމުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި އެ މަޝްވަރާތަކުން އެނގުނީ އެއްވެސް މީހަކުން ގެއަށް ވަންނަން ބޭނުން ނުވާ ކަމަށް ކަމަށާއި، ހުރިހާ އެންމެންވެސް ބޭނުން ވަނީ ޖޯޝާއެކު ގައުމީ ރޫހުގައި ޕާޓީއެއް ހަދައިގެން ކުރިއަށް ދިޔުމަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަލަށް އުފައްދަން މައުމޫން ނިންމަވާފައިވާ ޕާޓީގެ އިސް މަގާމަކުން ފެންނާނެތޯ މައުމޫނު ކުރެން ނޫސްވެރިޔަކު ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ޕާޓީ އުފެއްދުމުގެ ތެރެއިން އާންމު ޖަލްސާއަށް އެމަނިކުފާނުގެ ނަން ހުށަހަޅައިފި ނަމަ، އެކަމަށް އިންކާރު ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުގެ ނަން ހުށަހަޅައިފި ނަމަ އެކަމަށް އިންކާރު ނުކުރާނަން. މީގަ އެބައޮތް އަޅުގަނޑު ދަންނަވާލާނެ އިތުރު ވާހަކައެއް. ގައުމު ދެކެ ލޯބިވާން، ގައުމަށް ހިދުމަތްކުރަން، ގައުމަށް ހެޔޮ އެދޭނެ ވަކި އުމުރެއް ނޯންނާނެ،" މައުމޫން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނަކީ ރާއްޖޭގެ ވެރިކަމުގައި 30 އަހަރު ހުންނެވި ބޭފުޅެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތުމުން އެމަނިކުފާނު ސިޔާސީ ކަންކަން ދޫކޮށްލެއްވުމަށް ނިންމެވި ނަމަވެސް، މިހާރު އަނެއްކާވެސް ސިޔާސީ ކަންކަމުގައި އެކްޓިވް ކޮށް ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް މިދިޔަ ސަރުކާރުގެ ފަހު ދުވަސް ކޮޅުގައި ޖަލުގައިވެސް ދުވަސްތަކެއް ހޭދަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ