ޕީޕީއެމްގެ މައްސަލަ ހުއްޓުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ޝަކުވާއެއްގެ ސަބަބުން

ރައީސް މައުމޫން އާއި ޕީޕީއެމް ހަވާލު ކުރުމަށް ސިވިލް ކޯޓަށް ޕީޕީއެމްގެ ދެމެންބަރަކު ހުށަހަޅާފައިވާ ދެމައްސަލައެއްގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސް، އެމައްސަލަތައް ސިވިލް ކޯޓުން ބެލުން ހުއްޓުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޝަކުވާއެއްގެ ސަބަބުން ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިރޭ ވިދާޅުވީ ގދ.ތިނަދޫ/ ބީޗް ރެސްޓް، އަޙްމަދު ރަޝީދުގެ ފަރާތުން ޕީޕީއެމްގެ މައްޗަށް ދައުވާ ލިބޭ ގޮތައް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ލ.ގަން/ތުނޑި، ހަވި، ޢަލީ އަޙްމަދުގެ ފަރާތުން ޕީޕީއެމްގެ މައްޗަށް ދައުވާ ލިބޭ ގޮތައް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ޝަކުވާގެ މައްސަލަތައް ބަލަމުންދާތީ، އެ ދެ މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު އެ ދެ މައްސަލައިގެ ފައިލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮންކަހަލަ ޝަކުވާއެއް ކަމެއް، އަދި އެޝަކުވާ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ވެސް ސުޕްރީމް ކޯޓުން ވިދާޅުވެފައެއް ނުވެއެވެ. މިމައްސަލައިގައި ދެން އަމަލު ކުރާނެ ގޮތެއް ވެސް ސުޕްރީމް ކޯޓުން ހާމަ ކުރައްވާފައެއް ނުވެއެވެ.
ޕީޕީއެމް ރައީސް ޔާމީން އާއި ހަވާލު ކުރަން ސިވިލް ކޯޓުން ކުރިން ކޮށްފައި އޮތް ޙުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ވަނީ މިދިޔަ އަހަރު ތާއީދު ކޮށްފައެވެ. އެހެންކަމުން ޕީޕީއެމް އަނބުރާ މައުމޫނާއި ހަވާލު ކުރުމުގެ މައްސަލައެއް ސިވިލް ކޯޓަށް ބެލިދާނެތޯ ބައެއް ޤާނޫނީ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ.
ޕީޕީއެމް އާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ބަލާ މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިޔަ އިރު ސިވިލް ކޯޓުން އޮތީ މައްސަލައިގެ ލިޔުންތައް ހަވާލުކޮށް ޝަރީޢަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ