އަބްދުﷲ ގާޒީއާ ދެކޮޅަށް އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލުކުރުމަށް ކުރި ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ހައިކޯޓުގައި މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި އިސްތިއުނާފު މައްސަލަ ހުށަހަޅުއްވަމުން ޖޭއެސްސީގެ ގާނޫނީ ވަކީލު އަބްދުލް ފައްތާހު އަބްދުލް ޣަފޫރު ވިދާޅުވީ އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު ނާޅަނީސް ޖޭއެސްސީން އޭނައާ މެދު ފިޔަވަޅު އެޅި ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން ސިވިލް ކޯޓަށް އެ މައްސަލަ ބަލައިގަތުމަށް ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށާއި އަދި ބާތިލް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމަކީ ވެސް ބާތިލް ނިންމުމެއް ކަމަށްވާތީ އަބްދުﷲ ގާޒީއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީވަމުން އަބްދުﷲ ގާޒީގެ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ޖޭއެސްސީގެ ވަކީލްގެ ވާހަކަތަކަކީ އެއްވެސް ބުރަދަނެއްހުރި ވާހަކަތަކެއް ނޫން ކަމަށެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ވުޖޫދުގައި ނުވާކަމެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެންކަމުން ވުޖޫދުގައި ނުވާކަމެއްގެ މައްޗަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
އެމައްސަލައާއި ގުޅިގެން މިއަދު ހެނދުނު ހައިކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި އަޑުއެހުންތައް ނިންމާލާފައިވަނީ ދެފަރާތުން ވެސް ދައްކަން ޖެހޭ ވާހަކަތައް ދައްކާފައިވާތީއެވެ.
އަބްދުﷲ ގާޒީއާ މެދު ޖޭއެސްސީން ފިޔަވަޅު އަޅަން ނިންމީ "ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަރުކާރު މިހާރު އުޅެނީ ސަރުކާރެއް ނޭވާ ހޮޅިއަށް އެޅިގެން އުޅޭއިރު އުޅޭގޮތަށް" ކަމަށް ގާޒީ ދިޓީވީގައި ވިދާޅުވި ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ