އިބޫގެ ކެމްޕެއިން އޮފީހުގައި ކުރިއަށްދަނީ ރިޝްވަތު ފައިސާ ބެހުން

އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕެއިން އޮފީހުގައި ރިޝްވަތުގެ ފައިސާ ބެހުން ކުރިއަށްދާތީ އެއޮފީހަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފިއެވެ.
ކޯޓު އަމުރުގައި މައްސަލައިގެ ތަފްސީލް ކަމަށް ބަޔާން ކޮށްފައި ވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މއ.ޗަބޭލީގެ އަހްމަދު ޝާހިދު އާއި އިތުރު ބަޔަކު ބައިވެރިވެގެން ސޯލްޓް ކެފޭ ހުންނަ ބިލްޑިންގްގައި ރިޝްވަތުގެ ފައިސާ ބަހަމުންދާކަމަށެވެ.
ސޯލްޓް ކެފޭ ހުންނަ މ،ޝައިންޓްރީ ބިލްޑިންގަށް ފުލުހުން ވަންނަން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އެބިލްޑިންގްގެ 1،2،3،4،5،6 އަދި 7 ވަނަ ފަންގިފިލާގައި މައްސަލައާގުޅޭ ފައިސާގެ މުއާމަލާތާއި ގުޅުން ހުރި އެންމެހާ ލިޔެކިޔުންތަކާއި ރިޝްވަތުގެ ގޮތުގައި ދިނުމަށް ބަހައްޓާފައި ހުރި ފައިސާ އާއި އަދި މިނޫނަސް މިމައްސަލަ އާއި ގުޅުން ހުރި އެންމެހާ ލިޔެކިޔުމާއި ތަކެތި ފާސް ކުރުމަށް ބޭނުންވާ ކަމަށެވެ.
މ،ޝައިންޓްރީ އަކީ އިބޫގެ ބަފައިބެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އިސްމާއިލްމަނިކު (ބޮޑުސިއްކަ) ގެ އިމާރާތެކެވެ.
މިރޭ 20:45 ގައި ނެރުނު އަމުރުގައި ވަނީ މ.ޝައިންޓްރީ ބިލްޑިންގް ބަލައި ފާސް ކުރަން 14 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.
ފުލުހުން މިހާރު ގެންދަނީ އެއިމާރާތަށް ވަދެ ބަލާ ފާސްކުރުމުގެ މަސައްކަތް ފަށާފައެވެ. މިހާތަނަށް އެއްވެސް ހެއްކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމެއް އެނގިފައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ