"އައިޝާ" ޑޮކިއުމެންޓްރީ މައްސަލަ: ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި، ޑޮކިއުމެންޓްރީ އާއްމުނުކުރަން އަމުރެއް
އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާ އާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު (ހަސަނާ)ގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފިއެވެ. ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފްކުރުމުގެ ކުށުގެ ދައުވާއެވެ. ހަމައެއާއެކު ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރެއް ވެސް ނެރެފައެވެ. "ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު"ގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެ ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަޚުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމުގައިވާތީ، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. އަދި އެފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފައެވެ. މި އަމުރުކުރި ސަބަބުތަކުގެ ތެރޭގައި އެ ކޯޓުން ފާހަގަކޮށްފައި ވަނީ: އަބުރު ރައްކާތެރިކުރުމުގެ ގޮތުން. އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރުއީ ކޯޓަކުން ހުކުމްކޮށްގެން މެނުވީ މީހަކު ކުށެއް ކުރީކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތުން. ދައުވާ ލިބޭ ފަރާތުގެ ހައްގާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުން. ފުލުހުންގެ ތަހުގީގަށް މިދިޔަ މަހުގެ 29ގައި ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރިއިރު ދެމީހުން ވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ މައްޗަށް ވެސް ބޮޑު ތަހުގީގެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކޮމްޕިއުޓަރު ސިސްޓަމްތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ. އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ވެސް ފުލުހުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައެވެ. އަދި، އެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ތަހުގީގުގައި ސުވާލުކުރުމުން ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުންކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ