ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ޖަވާބު ދީފި

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދިން ހަމަލާތަކާ ގުޅިގެން މީގެ ދެ މަސް ކުރިން ފެށިފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ކަންކަމަށް އީރާނުން ޖަވާބު ދީފި އެވެ. 
އީރާނުގެ ދައުލަތުގެ މީޑިއާ، އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިން (އިރިބް)  އިން ބުނި ގޮތުގައި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނު މެދުވެރިކޮށް ފޮނުވި އީރާނުގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ވަނީ ހުރިހާ ދިމާއަކުން ހަނގުރާމަ ހުއްޓާލުމަށެވެ. މީގެ ތެރޭގައި އީރާނުގެ މަދަދުލިބޭ ހިޒްބުالله އާ ދެކޮޅަށް ލުބްނާނުގައި އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލުމާއި ކުކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެ އެވެ.
ނަމަވެސް އީރާންގެ ޖަވާބަކީ ކޮބައިކަމެއް އެއްވެސް ފަރާތަކުން އަދި އެއްވެސް ވަރަކަށް ހާމަކޮށްފައެއް ނުވެ އެވެ. 
އީރާނުން އެމެެރިކާއަށް ޖަވާބު ދީފައި މި ވަނީ ގަލްފް ސަރަހައްދުގެ އެކި އަމާޒުތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައި، އަދި އެމެރިކާއިން ދޭ އެއްވެސް އާ ހަމަލާއަކަށް ބަދަލުހިފުމުގައި ފަަސްނުޖެހޭނެ ކަމުގެ އިންޒާރު އީރާނުން ދީފައި ވަނިކޮށެވެ. އާދީއްތަ ދުވަހު ދިން ޑްރޯން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ގަތަރުގެ ބަނދަރަކަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓަކަށް އަރައި ވަނީ ގެއްލުންތަކެއް ވެފަ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އެ ގައުމަށް ދިން އެހެން ހަމަލާއެއްގެ ފަހަތުގައި ވަނީ އީރާން ކަމަށް ތުހުމަތުކޮށްފަ އެވެ. މިއީ ތެދެއް ނަމަ، މިއީ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހު ގަލްފްގެ ގައުމަކަށް ދިން ދެވަނަ ހަމަލާއަށް ވާނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެ ނިޔަލަށް އީރާނުގެ ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޖަވާބު ލަސްވަމުން ދިޔަ ވަރަކަށް، ގަލްފް ސަރަހައްދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. 
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާދީއްތަ ދުވަހު އެކްސްގައި ވިދާޅުވީ، އީރާނުން ދުވަހަކުވެސް ދުޝްމަނުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށާއި، މަޝްވަރާ ނުވަތަ ވާހަކަދެއްކުމުގެ މާނައަކީ ބަލި ގަބޫލުކުރުން ނުވަތަ ފަހަތަށް ޖެހުން ނޫން ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ އަސްކަރީ ވެރިޔާ އަލީ އަބްދުالله، އެ ގައުމުގެ އެންމެ މަތީ ލީޑަރު މުޖްތަބާ ޚާމަނާއީއާ ބައްދަލުކުރައްވައި، "ދުޝްމަނުންނާ ކުރިމަތިލައި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތުގެ އާ އިރުޝާދުތަކާއި ލަފާ" ހޯއްދަވާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ