ޑޭޓާ ވިއްކި މައްސަލައިގައި ޖީއެމް 12.7 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ވިއްކި މައްސަލައިގައި ޖެނެރަލް މޮޓޯސް (ޖީއެމް) 12.75 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ. ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ރޮބް ބޮންޓާ އިސްވެ ހުންނަވައި، ލޯ އެންފޯސްމަންޓް އެޖެންސީތަކުން ކުރިއަށްގެންދިޔަ ތަހުގީގަކަށްފަހު، ޖެނެރަލް މޮޓޯސް (ޖީއެމް) ވަނީ މި ސެޓްލްމަންޓަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ޖީއެމް އިން މަދަނީ ޖޫރިމަނާގެ ގޮތުގައި 12.75 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކުރި ގޮތުގައި، މި މައްސަލަ ފެންމަތިވީ 2024 ވަނަ އަހަރު ޖީއެމް ހިމެނޭހެން ބައެއް އޮޓޯމޭކަރުން ކަސްޓަމަރުންގެ ޑްރައިވިން އާދަކާދަތަކާ ގުޅޭ މައުލޫމާތު އިންޝުއަރެންސް ކުންފުނިތަކާ ހިއްސާކުރަމުންދާ ކަމަށް ހާމަވުމާ ގުޅިގެންނެވެ. މީގެ ސަބަބުން ބައެއް ކަސްޓަމަރުންގެ އިންޝުއަރެންސް ރޭޓްތައް ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުންތައް އޭރު ވަނީ ފާޅުކޮށްފައެވެ. https://sun.mv/214470 އެމެރިކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ތުހުމަތުކުރާ ގޮތުގައި، ޖީއެމް އިން ވަނީ ކެލިފޯނިއާގެ އެތައް ލައްކަ ބައެއްގެ ނަމާއި، ގުޅޭނެ މައުލޫމާތާއި، ލޮކޭޝަން ޑޭޓާ އަދި ދުއްވާ ގޮތުގެ މައުލޫމާތު "ވެރިސްކް އެނަލިޓިކްސް" އަދި "ލެކްސިސްނެކްސިސް ރިސްކް ސޮލިއުޝަންސް" ފަދަ ޑޭޓާ ބްރޯކަރުންނަށް ވިއްކާފައެވެ. މި މައުލޫމާތުތަކަކީ ޖީއެމްގެ އޮންސްޓާ ޕްރޮގްރާމް މެދުވެރިކޮށް އެއްކޮށްފައިވާ މައުލޫމާތުތަކެއް ކަމަށާއި، މި ވިޔަފާރިން އެ ކުންފުންޏަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ބޮންޓާގެ އޮފީހުން ހާމަކުރެއެވެ. ނަމަވެސް، ކެލިފޯނިއާގެ އިންޝުއަރެންސް ގާނޫނުތައް އޮންނަ ގޮތުން، އިންޝުއަރެންސް ރޭޓްތައް ކަނޑައެޅުމުގައި މިފަދަ ޑޭޓާ ބޭނުންކުރުން މަނާކޮށްފައިވާތީ، އެ ސްޓޭޓްގެ ކަސްޓަމަރުންގެ އިންޝުއަރެންސް އަގުތަކަށް މީގެ ސަބަބުން ބަދަލެއް އައިސްފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް ފާހަގަކުރެއްވިއެވެ. ސެޓްލްމަންޓްގެ ދަށުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހު ކަސްޓަމަރުންގެ ޑޭޓާ އެއްވެސް ކޮންސިއުމާ ރިޕޯޓިން އެޖެންސީއަކަށް ވިއްކުން ޖީއެމްއަށް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ކަސްޓަމަރުންގެ ސީދާ ހުއްދަ ލިބިގެން މެނުވީ މިހާރު ހުރި ޑޭޓާތައް 180 ދުވަހުގެ ތެރޭގައި ފޮހެލުމަށާއި، މައުލޫމާތު ވިއްކި ކުންފުނިތަކުގައި ހުރި ޑޭޓާވެސް ފޮހެލުމަށް އެދުމަށް ޖީއެމް އިން ވަނީ އެއްބަސްވެފައެވެ. އެޓާނީ ޖެނެރަލް ރޮބް ބޮންޓާ ވިދާޅުވި ގޮތުގައި، ޖެނެރަލް މޮޓޯސް އިން ކަސްޓަމަރުންގެ މައުލޫމާތު ވިއްކާފައިވަނީ އެމީހުންގެ ހުއްދައެއް ނެތި، އަދި އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށްފަހުގައެވެ. މި އެއްބަސްވުމަކީ ކުންފުނިތަކުން ކަސްޓަމަރުންގެ ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ޖީއެމް އިން ރޮއިޓާސްއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ، މިއީ 2024 ވަނަ އަހަރު އެކުންފުނިން ހުއްޓާލާފައިވާ "ސްމާޓް ޑްރައިވާ" ޕްރޮޑަކްޓާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި މި ސެޓްލްމަންޓަކީ ކަސްޓަމަރުންގެ ޕްރައިވެސީ ރައްކާތެރިކުރުމަށް އެކުންފުނިން އަޅަމުންދާ ފިޔަވަޅުތަކަށް ލިބުނު ބާރެއް ކަމަށް ވެސް ޖީއެމްއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ