އައިޝާ ޑޮކިއުމަންޓްރީ: އަދަދުގެ ސީއީއޯ ފިޔާޒް އާއި އެޑިޓަރު ހަސަންގެ މައްޗަށް ދައުވާ އުފުލައިފި
ރައީސް މުހައްމަދު މުއިއްޒަށް ޖިންސީ ތުހުމަތުތަކެއް ކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ބަސް ގެނެސްދިން ޑޮކިއުމެންޓަރީ "އައިޝާ" ގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ރަސްމީކޮށް ޖިނާއީ ދައުވާ އުފުލައިފި އެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ދެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދެވެ. އެ ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ސިއްރު ކޮށްގެން ކުރިއަށް ގެންދަން ނިންމައިފަ އެވެ. އާންމު އުސޫލުން މި ބާވަތުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ގެންދަނީ ވެސް އާންމުކޮށް ހުޅުވައިނުލަ އެވެ. ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިނގާއިރު ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރަކަށް ދައުލަތުން އެދިފައިވެ އެވެ. އެ އަމުރު ވެސް ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މިއަދު ވަނީ ނެރުއްވައިފަ އެވެ.މީގެ އިތުރުން ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.އެ މައްސަލައިގެ ތަހުގީގަށް ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން އެ ދެ މީހުުން ވެސް ހިޔާރުކުރީ ހަނު ތިބުމަށެވެ.ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ސިޔާސީ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ