”އަދަދު“ ނޫހުގެ ސީއީއޯ ފިޔާޒާއި އެޑިޓަރު ހަސަންގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި

”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ގަޒުފު ކުރުމުގެ ޖިނާއީ ދައުވާ އުފުލައި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމައިފައެވެ. މި ބާވަތުގެ މައްސަލަތައް އާންމު އުސޫލުން ވެސް ކޯޓުގައި ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވައިނުލައެވެ. ޝަރީއަތް ހިނގާއިރު ވަކި ގޮތަކަށް އަމަލުކުރަން އަންގާ އަމުރަކަށް ދައުލަތުން އެދުމުން، ގާޒީ މުޒައްމިލު ނާސިރު ވަނީ މިއަދު އެ އަމުރު ނެރުއްވައިފައެވެ.
އާންމުކޮށް އެންމެންގެ މައްޗަށް ނެރުނު އެ އަމުރުގައި އަންގާފައިވަނީ ”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އެ ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. އަދި ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށެވެ. މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުގެ އަމުރުގައި ބުނެފައިވަނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށްވާ ކަމަށާއި، މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި ދައުވާ އުފުލޭ ހާލަތުގައި ވެސް ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު އޮންނަ ކަމަށެވެ. އަދި ކޯޓަކުން ހުކުމް ކޮށްގެން މެނުވީ މީހަކު ކުށެއް ކުރި ކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތް ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކޮށްފައިވާ އިރު، ތަހުގީގު މަރުހަލާގައި އެ ދެ ބޭފުޅުން ވެސް ހިޔާރުކުރެއްވީ ހަނު ތިއްބެވުމަށެވެ. އެ ބޭފުޅުން ވިދާޅުވީ ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ނޫސްވެރިއެއްގެ ގޮތުގައި ހުރެ މަސްދަރު ހާމަ ނުކުރައްވާނެ ކަމަށެވެ. ތަހުގީގު މަރުހަލާގައި ކްރިމިނަލް ކޯޓުން ނެރުނު ވަކި އަމުރެއްގައި، ފުލުހުން ހިފަހައްޓާފައިވާ ލެޕްޓޮޕްތަކާއި ހާޑްތަކާއި ޕެން ޑްރައިވްތަކާއި ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑް ދީ އެކްސެސް ވެވޭނެ ގޮތް ހެދުމަށް އެންގި ނަމަވެސް ފިޔާޒު ވަނީ އެގޮތަށް އަމަލުކުރެއްވުމަށް ދެކޮޅު ހައްދަވައިފައެވެ. މި މައްސަލައާ ގުޅިގެން ދެ ބޭފުޅުންގެ ޕާސްޕޯޓް ވެސް ތިން މަސް ދުވަހަށް ވަނީ ހިފަހައްޓައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ