ކްރައުން އެންޑް ޗަމްޕާ އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކާރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި ވެލަޔަށް ފަރުވާ ދޭ ހާއްސަ މަރުކަޒެއް މިއަދު ހުޅުވައިފި އެވެ.
މި ރިސޯޓާއި ވެލާ ކަހަނބުގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) ގުޅިގެން ހެދި މި "ޓާޓަލް ހެލްތު އިންސްޓިއުޓް" ހުޅުއްވައި ދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރު ސާރާ މޫސާ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޗަމްޕާ ރިސޯޓްސްގެ ސީއީއޯ މުހައްމަދު ސޮލާހު އާއި އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު އަދި އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ސީއީއޯ ސޮލާހު ވިދާޅުވީ ވެލަޔަށް ފަރުވާދޭ މި މަރުކަޒަކީ މި ސަރަހައްދުގައި ވެސް ހުޅުވި ވަސީލަތްތަކުގެ ގޮތުން އެންމެ ފުރިހަމަ އަދި އެންމެ ޒަމާނީ އެއް ތަނަށް ވާނެ ކަމަށެވެ. މިއީ ވެލާ ކަހަނބަށް ލިބޭ އަނިޔާ އަށް ފަރުވާދީ، އެ އެއްޗެހީގެ މާހައުލަށް އަލުން ރަނގަޅު ސިއްހަތެއްގައި އަނބުރާ ފޮނުވާލުމަށް ބޮޑު ދައުރެއް އަދާކުރާނެ މަރުކަޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަރުކަޒުގައި އެއް ފަހަރާ ހަތް ވެލަޔަށް ފަރުވާ ދެވެ އެވެ. މި ވަގުތު ވެސް މި ތަނުގައި ހަތް ވެލަޔަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ދަލުގައި އޮޅިފައި އޮއްވާ ފެނުނު ވެލާތަކާއި ފިޔަގަނޑު ބުރިވުން ކަހަލަ އެކިއެކި އަނިޔާތައް ލިބިގެން ފަރުވާ އަށް ގެނެސްފައިވާ ވެލާތައް ހިމެނެ އެވެ. ފަރުވާ ދިނުމަށް ފަހު، ފަސޭހަވި ދެ ވެލައެއް މިހާރު ވަނީ ކަނޑަށް ދޫ ވެސް ކޮށްލައިފަ އެވެ.
ކަނޑަށް އުކާފައި ހުންނަ ކުނިބުންޏާއި ދާ ފަދަ ތަކެތީގައި ވެލާ އޮޅި އޭގެ ގުނަވަންތަކަށް އަނިޔާވުމަކީ އާންމު ކަމެކެވެ. މި ސެންޓަރުގެ މައިގަނޑު ބޭނުމަކީ އެގޮތަށް ފެންނަ ވެލާތައް ގެނެސް، އެއަށް ފަރުވާދީ، ރަނގަޅުވުމުން އަލުން އޭގެ މާހައުލަށް އެ ސޮރުމެން ދޫކޮށްލުމެވެ.
މިތަނުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ގުޅިގެން ވެޓެރިނަރީ ނާސް ކޯސްތައް ވެސް ކުރިއަށް ގެންދެ އެވެ.
The most trusted news source in the Maldives
މި "ޓާޓަލް ހެލްތު އިންސްޓިއުޓް"އަކީ މިދިޔަ އަހަރު ޖަވަކާރާގައި ހުޅުވި ބޮޑު މެރިން ރިސާޗު ސެންޓަރުގެ ބައެކެވެ. މެރިން ރިސާޗު ސެންޓަރުގައި މުރަކަ އާލާކުރާ ލެބަކާއި ކިޔަވައިދޭ ކްލާސްރޫމްތައް ވެސް ހުރެ އެވެ. އެ ސެންޓަރު ހުޅުވުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ނިއުޒިލެންޑުގެ އޮކްލެންޑް ޔުނިވާސިޓީ އާއި އެމެރިކާގެ އީޕީއޭއާ ގުޅިގެން "އެޓޯލް މޯލްޑިވްސް ވޯކްޝޮޕް" ނުވަތަ ކޮންފަރެންސް ވެސް ބާއްވައިފަ އެވެ.
ޗަމްޕާގެ ޖަވަކާރާގައި ވެލަޔަށް ފަރުވާދޭ މަރުކަޒެއް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ