ނޫސްވެރިޔާ ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި

"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައިފި އެވެ. 
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ދެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދެވެ. އެ ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ސިއްރު ކޮށްގެން ކުރިއަށް ގެންދަން ނިންމައިފަ އެވެ. އާންމު އުސޫލުން މި ބާވަތުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ގެންދަނީ ވެސް އާންމުކޮށް ހުޅުވައިނުލަ އެވެ. 
ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިނގާއިރު ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރަކަށް ދައުލަތުން އެދިފައިވެ އެވެ. އެ އަމުރު ވެސް ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މިއަދު ވަނީ ނެރުއްވައިފަ އެވެ. 
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން: 
- "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް. 
- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން.
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން.
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުން.  
މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. 
The most trusted news source in the Maldives
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފަފއަކަށް ވާއިރު، އެކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވައި، ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމަށެވެ. އެކަން އެހާ ބޮޑަށް ނަހީ ކުރައްވާފައިވަނީ އަބުރު ރައްކާތެރި ކުރުމަށާއި އިއްޒަތުއް ނަފުސު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް އަމުރުގައި ބަޔާންކޮށްފައި ވެ އެވެ.
މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި، ދައުވާ އުފެލޭ ހާލަތުގައި ވެސް ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު އޮންނަ ކަމަށާއި އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ކޮށްގެން މެނުވީ މީހަކު ކުށެއް ކުރި ކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތް ކަމަށް އަމުރުގައި ވެ އެވެ. 
އަމުރުގައި ބުނި ގޮތުގައި، ޝަރީއަތުގެ މަރުހަލާގައި ވެސް އެ ދެ ހައްގު ބެލެންސް ވެގެންދާނެ ފަދައަކުން ދައުވާ ލިބޭ މީހާ އާއި ކުށުގެ ޝިކާރައަަށްވި މީހާގެ ހައްގުތައް ހަމަކުރެވެންޖެހޭ ކަމަށެވެ.
އަދި މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގުތަކަށް އެއްވެސް އަސަރެއް ނުކުރާނޭ މޭރުމަކުމް ގާނޫނުއަސާސީގެ އެންމެހައި ހަމަތާކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ކޯޓުތަކަށް މަތިކޮށްފައިވާ ކަމަށް އަމުރުގައި ގާޒީ ވިދާޅުވެފަައިވެ އެވެ. 
The most trusted news source in the Maldives
ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ ބޭފުޅުން ވެސް ތަހުގީގު މަރުހަލާގައި ހިޔާރު ކުރެއްވީ ހަނު ތިއްބެވުމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ނޫސްވެރިއެއްގެ ގޮތުގައި ހުރެ، މަސްދަރު ހާމަ ނުކުރާނެ ކަމަށެވެ. 
ކްރިމިނަލް ކޯޓުން ވަނީ އަދަދުގެ މައްޗަށް ތަހުގީގު މަރުހަލާގައި ވެސް އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި އަންގާފައިވަނީ ފުލުހުން ހިފަހައްޓާފައިވާ ލެޕްޓޮޕްތަކާއި ހާޑްތަކާއި ޕެން ޑްރައިވްތަކާއި ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑްދީ، އެ ޑިވައިސްތަކުގައި ހުރި ޑޭޓާތަކަށް އެކްސެސް ވެވޭނެ ގޮތް ހެދުމަށެވެ. ނަމަވެސް، އަދަދުގެ ސީއީއޯ ފިޔާޒު ވަނީ އެގޮތަށް އަމަލު ކުރަން ދެކޮޅު ހައްދަވައިފަ އެވެ. 
The most trusted news source in the Maldives
މި މައްސަލައާ ގުޅިގެން ފިޔާޒާއި ހަސަންގެ ޕާސްޕޯޓް ވެސް ތިން މަސް ދުވަހަށް ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ