އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑަރ ކުރި ކުންފުންޏަކަށް ދަޢުވާކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގްގެ ދަޢުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 10 ފެބްރުވަރީ 2026 ގައެވެ. މި މައްސަލައިގެ ތަޙުޤީޤުން ހާމަވެފައިވާ ގޮތުގައި، 2014 ފެބްރުވަރީން ފެށިގެން 2015 އޮކްޓޫބަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ޕޮޕިއުލަރ މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވެއެވެ.
ތަޙުޤީޤަށް ހޯދިފައިވާ ގޮތުގައި، 13 ޖުލައި 2015 ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލަރ މޯލްޑިވްސްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވެއެވެ. މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާކަމަށާއި، ފައިސާގެ އަސްލު އޮޅުވާލައި، އެއާ ގުޅޭ ހައްޤުތައް ސިއްރުކުރުމަށް މަސައްކަތް ކޮށްފައިވާކަން އޭސީސީގެ ތަޙުޤީޤަށް ފާހަގަކުރެވިފައި ވާކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި އިތުރު ސީރިއަސް މައްސަލަތަކުގައި ދަޢުވާކުރުމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިތުރަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭސީސީން މަޢުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ