ވެނެޒުއޭލާގެ ބިންހެލުމަށް ހަ ދުވަސް ފަހުން އިމާރާތެއްގެ ދަށުން ތިން އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި

ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމަށް ހަ ދުވަސް ފަހުން، އެ ގައުމުގެ ކަރަކާސްގެ އިމާރާތެއްގެ ގާކުނޑިތަކުގެ ތެރެއިން ތިން އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކޮށްފައިވާ ކަމަށް ކަމަށް އުރުދުންގެ ރެސްކިއު ޓީމަކުން ބުނެފި އެވެ.
މި ބިންހެލުންތަކުގައި މިހާތަނަށް ގާތްގަނޑަކަށް 2،000 މީހުން ވަނީ މަރުވެފަ އެވެ.
ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި، ސަލާމަތްވި މި ކުއްޖާ ފެނުމާ އެކު ރެސްކިއު ޓީމުގެ މެންބަރުން އުފާފާޅުކޮށް ހަޅޭއްލަވަން ފެށި އެވެ.
އެހީގެ މަސައްކަތަށް ވެނެޒުއޭލާއަށް ގޮސް އުޅޭ އުރުދުންގެ ސިވިލް ޑިފެންސުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްޖާއަށް ފުރަތަމަ އެހީ ދިނުމަށްފަހު ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، ބިންހެލުމަކަށް ފަހު ފުރަތަމަ ހޭދަވާ 72 ގަޑިއިރަކީ ވެއްޓިފައި ހުންނަ އިމާރާތްތަކާއި ކުނިބުނީގެ ތެރޭގައި ތާށިވެފައި ތިބޭ މީހުން ދިރިތިއްބާ ސަލާމަތް ކުރުމަށް ލިބޭ އެންމެ މުހިންމު އަދި ނާޒުކު ވަގުތެވެ.
އުރުދުންގެ ބަޔާނުގައި ވާގޮތުން، އެ ކުއްޖާ ސަލާމަތްކުރި އިރު ވައިޓަލް ސައިންތައް ނުވަތަ ހިތުގެ ހިނގުމާއި ވިންދު ފަދަ މުހިންމު ކަންކަން ރަނގަޅެވެ. 
ލެޓިން އެމެރިކާއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމުގެ ކާރިސާތަކުގެ ތެރޭގައި، މިދިޔަ ހަފުތާގައި އައި 7.2 އާއި 7.5 މެގްނިޓިއުޑްގެ މި ބިންހެލުންތައް ހިމެނެ އެވެ. އެ ދެ ބިންހެލުމުގެ ސަބަބުން ބޮޑެތި ރެސިޑެންޝަލް އިމާރާތްތައް ބިމާހަމަވެ، އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވެ އެވެ. އަދި ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމަށް ހުއްޓުމެއްނެތް އަންނަނީ މަސައްކަތް ކުރަމުންނެވެ.  
ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހޯހޭ ރޮޑްރިގޭޒް އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި، ބިންހެލުން އައި ފަހުން މިހާތަނަށް 6،461 މީހުން ވަނީ ދިރިތިއްބާ ސަލާމަތްކޮށްފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ