"ކޭ-ޕޮޕް ޑީމަން ހަންޓާސް"އިން އާ ރެކޯޑެއް ގާއިމުކޮށްފި

އެކަޑަމީ އެވޯޑް ކާމިޔާބުކޮށްފައިވާ "ކޭ-ޕޮޕް ޑީމަން ހަންޓާސް" ނެޓްފްލިކްސްގެ ގްލޯބަލް ޓޮޕް 10ގައި މެދުނުކެނޑި އެއް އަހަރު ދުވަހު އޮތް ފުރަތަމަ ފިލްމުގެ ޝަރަފު ހޯދައިފިއެވެ. މި ފިލްމުގެ އުފެއްދުންތެރިން ހާމަކުރި ގޮތުގައި، ނެޓްފްލިކްސްގެ ތާރީހުގައި ޖެހިޖެހިގެން 52 ހަފުތާ ނުވަތަ މުޅި އަހަރު ދުވަސް ވަންދެން ގްލޯބަލް ޓޮޕް 10 ޗާޓުގައި ހިމެނުނު ފުރަތަމަ ފިލްމަކީ މިއީއެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ފިލްމުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މުޅި އަހަރު ދުވަހު އެންމެ ކުރީގައި އޮތުމަކީ ބޮޑު އުފަލެއް ކަމަށާއި، މިއީ ހައްގު ބަސް ބުނުމަށާއި ރަނގަޅު ގޮތުގައި ކުރިއަށް ދިއުމަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. މި އެނިމޭޓެޑް ފިލްމުގެ ކުރިން މި ރެކޯޑް އޮތީ 2021 ވަނަ އަހަރު ނެރުނު އެކްޝަން ޑްރާމާ "ރެޑް ނޯޓިސް" އަތުގައެވެ. އެ ފިލްމު ގްލޯބަލް ޓޮޕް 10ގައި އޮތީ ޖުމްލަ 14 ހަފުތާގައެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް "ކޭ-ޕޮޕް ޑީމަން ހަންޓާސް"އަށް މުޅި ދުނިޔެއިން ގާތްގަނޑަކަށް 628.2 މިލިއަން ވިއުސް ލިބިފައިވެއެވެ. "ކޭ-ޕޮޕް ޑީމަން ހަންޓާސް"ގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ފިލްމުގެ "ހަންޓަ/އެކްސް" ބޭންޑުގެ މެންބަރުން ކަމަށްވާ ރޫމީ، ޒޯއީ އަދި މިއާގެ ލަވަތަކަށް އަޑުއަޅައިދިން އީޖޭއޭ، އޯޑްރީ ނޫނާ އަދި ރޭ އޭމީ ވަނީ 2026 ވަނަ އަހަރުގެ އެމެރިކަން މިއުޒިކް އެވޯޑްސްގައި ހަތަރު އެވޯޑެއް ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި "ސޯންގް އޮފް ދަ އިޔަ" އާއި އެންމެ މޮޅު ސައުންޑްޓްރެކް އެވޯޑް ހިމެނެއެވެ. މީގެ އިތުރުން، ނެޓްފްލިކްސް އިން ވަނީ އޭއީޖީ ޕްރެޒެންޓްސްއާ ގުޅިގެން 2027 ވަނަ އަހަރު މި ފިލްމުގެ ވޯލްޑް ކޮންސަޓް ޓުއާއެއް ބޭއްވުމަށް ވެސް ނިންމާފައެވެ. މިއީ ފިލްމުގައި ފެންނަ ފަދަ ފޯރިގަދަ މިއުޒިކީ ހަރަކާތްތަކެއް އާންމުންނަށް ވަގުތުން ބަލާލުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. "ކޭ-ޕޮޕް ޑީމަން ހަންޓާސް" ވަނީ 98 ވަނަ އެކަޑަމީ އެވޯޑްސްގައި އެންމެ މޮޅު އެނިމޭޓެޑް ފީޗާ ފިލްމުގެ އެވޯޑް ވެސް ހާސިލްކޮށްފައެވެ. މިދިޔަ އަހަރު އެންމެ ގިނައިން ވިކުނު ސައުންޑްޓްރެކްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މި ފިލްމުގެ އަލްބަމް ވަނީ ބިލްބޯޑް 200 ސައުންޑްޓްރެކް ޗާޓުގެ އެއްވަނަ ހޯދައި، "ޑަބަލް ޕްލެޓިނަމް" ސެޓްފިކެޓް ހާސިލްކޮށްފައެވެ. ސޮނީ ޕިކްޗާސް އެނިމޭޝަނުން އުފައްދާފައިވާ މި ފިލްމަކީ މެގީ ކޭންގް އަދި ކްރިސް އެޕެލްހާންސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ގޮތުގައި އުޅެމުން، ސިއްރު ގޮތެއްގައި ނުބައި ބާރުތަކުން އެމީހުންގެ ފޭނުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ރޫމީ، މީރާ އަދި ޒޯއީގެ މައްޗަށެވެ. މި ފިލްމުގައި އަޑުއަޅައިދީފައިވާ ތަރިންގެ ތެރޭގައި އާޑަން ޗޯ، އާން ހްޔޯ-ސިއޮޕް، ލީ ބްޔުން-ހުން އަދި ޖޯއިލް ކްރިމް ބޫސްޓާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ