ސަރުކާރުގެ ސަބަބުން ހިރިމަރަދޫގެ އަސަސީ ހިދުމަތްތައް ހުއްޓި، ރައްޔިތުން ދަނީ ބިކަވަމުން: ހަނިމާދޫ ކައުންސިލް

ހދ. ހިރިމަރަދޫގެ ބަޖެޓު ސަރުކާރުން އެ އަތޮޅު ހަނިމާދޫ ކައުންސިލަށް ނުދީ ހިފަހައްޓާފައިވާތީ، ހިރިމަރަދޫން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ހުއްޓެމުންދާ ކަމަށް ބުނެ ހަނިމާދޫ ކައުންސިލުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވައި، ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ހިރިމަރަދޫ ކައުންސިލް އުވާލައި، އެރަށުގެ ރައްޔިތުން ވޯޓުލާން ޖެހުނީ ހަނިމާދޫ ކައުންސިލަށް މީހުން އިންތިހާބު ކުރުމަށެވެ. 
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް އަދަދު ނޫހަށް ވިދާޅުވީ ހިރިމަރަދޫގެ ހަގީގީ ހާލަތު ބެލުމަށް އެ ކައުންސިލުން އެރަށަށް ދަތުރެއްކޮށް ރައްޔިތުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެރަށު ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާތަކަށް ބަލާއިރު، ކުނިކެހި ފައިސާއާއި، އެކި ބިޑުތަކަށް އެރަށަށް ލިބެންޖެހޭ ފައިސާގެ އިތުރުން އެގްރީމެންޓް ކޮށްފައިވާ މަސައްކަތްތަކުގެ އެއްވެސް ފައިސާއެއް ނުލިބި ލަސްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިރިމަރަދޫގައި ހަތަރު ވަރަކަށް މުވައްޒަފުން ވެސް އެބަ ތިބި. އެ މުވައްޒަފުންގެ މުސާރަ ވެސް ސަރުކާރުން ނުދޭ. އެހެންވެ، އެންމެ ފަހުން ވެސް މުސާރަ ދިނީ ހަނިމާދު ކައުންސިލުގެ ބަޖެޓުން،" އަލީ ވިދާޅުވި އެވެ. 
"އެ ރަށުގެ އެހެން ހުރިހާ ހަރަދެއް ހަނިމާދު ކައުންސިލްގެ ބަޖެޓަކުން ވެސް ނުކުރެވޭނެ. އެއީ މިރަށުގެ ރައްޔިތުން ވެސް ހިތްހަމަޖެހޭނެ ކަމެއް ނޫން. އަދި ކުރެވެން ވެސް އޮންނާނެ ކަމެއް ނޫން."
ރިމަރަދޫއަށް ތިން ކައުންސިލަރުން ހިމެނޭ ކައުންސިލެއް އިންތިހާބުކުރާނެކަން ވަނީ ކަނޑައަޅާފައި. ނަމަވެސް، މުއިއްޒު މިއަދު ނެރުނު ގަރާރައެކު ހިރިމަރަދޫ ރައްޔިތުން ވޯޓުލާނީ ފަސް ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭ ހަނިމާދޫ ކައުންސިލަށް. އެ ރަށުގެ ކައުންސިލް އުވޭނެ.
ހަނިމާދު ކައުންސިލްގެ މެންބަރުން ހިރިމަރަދޫ އަށް އިއްޔެ ކުރެއްވި ދަތުރުގައި ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ޓިކްޓޮކަށް ދޫކޮށްލެއްވި ވީޑިއޯއެއްގައި ވިދާޅުވި ގޮތުގައި ހިރިމަރަދޫގެ ބަޖެޓު ހަނިމާދޫ ކައުންސިލަށް ދޭނެ ކަމަށް ބުނި ނަމަވެސް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަދިއަދަށްދާންދެން ވެސް އެ ބަޖެޓު ދޫކޮށްފައެއް ނުވެ އެވެ. ރައީސް އޮފީހުން ގަރާރަކުން ބޮޑު އަމުރެއް ކޮށްފައި އޮތް ނަމަވެސް، ކަމާބެހޭ މުއައްސަސާތަކުން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ސަރުކާރުން މިއޮތީ އަސް ވިއްކާލާފައި ލަގަން ހިފަހައްޓާ އުސޫލުން މިކަން ކޮށްފައި. ހިރިމަރަދޫ ބަޖެޓު ސަރުކާރުން ހިފަހައްޓާފައި މި ބުނަނީ ހަނިމާދޫ ފައިސާއިން އެރަށުގެ ހުރިހާ ހަރަދެއް ކުރާށޭ، އެރަށުގެ މުވައްޒަފުންނަށް މުސާރަ ދޭށޭ. އެއީ އިންސާފެއް ނޫން،" ފިރާގު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހިރިމަރަދޫގެ ކަންކަން ހަނިމާދޫގެ ބަޖެޓުން ނުކުރެވޭނެ ކަމަށާއި، މީގެ ހުރިހާ ތަކުލީފެއް އުފުލަން ޖެހިފައިވަނީ ދެ ރަށުގެ ލޮބުވެތި ރައްޔިތުންނަށް ކަމަށެވެ. އަދި މިއީ ކަނޑައެޅިގެން ދޮގެއް ނަމަ، ސަރުކާރުގެ ފަރާތުން މިހާރުން މިހާރަށް ޓްވީޓެއް ކުރައްވައި އެއީ ދޮގެއްކަން ހާމަކުރެއްވުމަށް ވެސް ގޮވާލެއްވި އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރަން ނިންމި ނިންމުމަކީ ރައީސް މުހައްމަދު މުއިއްޒު ކުރެއްވި އެންމެ "ވިޔާނުދާ" ކަންތައް ކަމަށް ސިފަކުރައްވަމުން ފިރާގު ވިދާޅުވީ، އެއްވެސް ކަހަލަ ސާވޭއެއް ނުހަދައި މިކަން ކުރިއިރު ވެސް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.
މިއީ އޭރު ސަރުކާރުން ސިޔާސީ މަންފާއަކަށް ކުރި ކަމެއް ނަމަވެސް، އިންތިހާބު ނިމުމުން މިކަމުގައި އިސްކޮށް އުޅުނު އެންމެން ފިލައިފި ކަމަށާއި، މިއަދު ގަނަތެޅެން ޖެހިފައިވަނީ ހިރިމަރަދޫ ރައްޔިތުންނާއި ހަނިމާދޫ ކައުންސިލަށް ކަމަށް ފިރާގު ވިދާޅުވި އެވެ.
"ހިރިމަރަދޫ ކައުންސިލުން އެރަށަށް ގޭސް ގެންނަނީ. މިއަދު އެރައްޔިތުން އެ ތިބެނީ ގޭސް ހުސްވެގެން. ނުކައި ނުބޮއި ތިބެންވީތޯއޭ ސުވާލަކީ،" ރަށުގެ ހާލަތު ބަޔާންކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.
ގަޕޯ ވިދާޅުވީ ހިރިމަރަދޫ ކައުންސިލް އުވާލަން ސަރުކާރުން ނިންމީ އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހދ. ހަނިމާދޫއިން ސަރުކާރު ހިންގާ ޕީއެންސީއަށް މެޖޯރިޓީ ނުލިބޭނެތީ ކަމަށް.
ކައުންސިލް ރައީސް އަލީ ވިދާޅުވީ ހިރިމަރަދޫ އަށް ގޭސް އެތެރެކުރުން ހުއްޓިފައި ވާއިރު، ރަށުގެ ގުރުއާން ކްލާސް އަދި ޕްރީ ސްކޫލް ވެސް ހުއްޓުމަކާ ގާތްވެފައިވާ ކަމަށެވެ. ހަނިމާދޫގައި ގުރުއާން މުބާރާތާއި ފުޓްބޯޅަ މުބާރާތް އިއުލާނު ކުރި ނަމަވެސް، ހާލަތު ހުރިގޮތުން ހިރިމަރަދޫ ރައްޔިތުންނަށް އެކަންކަމުގައި ބައިވެރިވެވޭނެ އެއްވެސް މަގެއް ނެތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަލީ އާއި ފިރާގު ވިދާޅުވި ގޮތުގައި ސަރުކާރުން ވިސްނުމެއް ނެތި ނިންމި ނިންމުމެއްގެ ސަބަބުން ހިރިމަރަދޫ ރައްޔިތުންގެ ހައްގުތައް މިއަދު މުޅިން ގެއްލި، އެ ރަށުގެ ރައްޔިތުން ތިބީ "ވާނުވާ" އެއްގެ ތެރޭގައި ބިކަކޮށްލާފަ އެވެ.
ހިރިމަރަދޫ ރައްޔިތުންގެ ހަނިމާދޫ އަށް ބަދަލުކުރަން ނިންމާފައި އޮތަސް، އެ މަޝްރޫއު ކުރިއަކަށް ނުދެ އެވެ. އެހެންވެ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރެވޭނެ ތާރީހެއް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ