ރޯވެ ގެއްލުން ލިބުނު ފްލެޓްގެ ހަ މީހުން ވަގުތީ ހިޔާގައި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ފުލެޓެއްގައި އިއްޔެ ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ފުލެޓުގައި ދިރިއުޅެމުން ދިޔަ ހަ މީހުންގެ އާއިލާއަށް ވަގުތީ ހިޔާވަހިކަން ދީފިއެވެ. ބުދަ ދުވަހު ފަތިހު ހަތަރެއް ޖަހާކަން ހާއިރު ހުޅުމާލޭގެ 141ވަނަ ފުލެޓުގެ ތިރީ ފަންގިފިލާގައި ހިނގި އަލިފާނުގެ މި ހާދިސާއާ ގުޅިގެން، ދުމުގެ އަސަރުކުރި ހަ މީހަކު ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކުވެސް ތިއްބެވެ. https://sun.mv/223480 ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނިގޮތުގައި، އެ އެންމެންގެ ހާލުވެސް ރަނގަޅެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިއްޔެ ބުނީ، 141ވަނަ ފުލެޓުގައި ދިރިއުޅެމުން ދިޔަ ހަ މީހުންގެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ އިދާރާއިން މިއަދު 'ސަން'އަށް ބުނީ، ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އިތުރުން، އިންސާނީ އެހެނިހެން އެހީތެރިކަން ފަސް ދުވަހުގެ މުއްދަތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ. https://x.com/NDMAmv/status/2067068144783663470 މިއަދުގެ ވަގުތެއްގައި އެ ފުލެޓަށް ގޮސް ލިބުނު ގެއްލުން ދެނެގަތުމަށްފަހު، ހަ މީހުންގެ އާއިލާއަށް އިތުރު އެހީތެރިކަން ދޭނެ ކަމަށްވެސް، އެންޑީއެމްއޭއިން ބުންޏެވެ. އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގީ ފުލެޓްގެ ތިރީ ފަންގިފިލާގައި ހުންނަ ބަދިގޭގައި ބޭނުން ކުރި ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެގެން ކަމަށެވެ. އެންޑީއެމްއޭއިން އިއްޔެ އާންމުކުރި ފޮޓޯތަކަށް ބަލައިލާއިރު، ފުލެޓު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. އެގޮތުން މީހުން ދިރިއުޅޭ ވަކިވަކި ކޮޓަރިތަކާއި ލިވިން ރޫމް ސަރަހައްދާއި ބަދިގެ ސަރަހައްދުވެސް އަނދައިފައިވާ ކަން، އެ އިދާރާއިން އާންމުކުރި ފޮޓޯތަކުން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ