ޕީއެންސީ މިހާރު ރޫޅެނީ، މިއީ ލީޑާޝިޕް ބަދަލުކުރަންވީ ވަގުތު: ނަޝީދު

ވެރިކަން ކުރާ ޕީއެންސީ މިހާރު ރޫޅެނީ ކަމަށާއި، މިއީ އެ ޕާޓީގެ ލީޑާޝިޕް ބަދަލުކުރަންވީ ވަގުތު ކަމަށް ކުރީގެ ރައީސް އަދި މްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ، މިއަދު މަޖިލީހުގައި ހިނގި ބައެއް ކަންތައްތަކަށް އިޝާރާތައް ކުރައްވައިފައެވެ. އެގޮތުން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) މަޖިލީހުގައި ދެއްކެވީ ބޭއަދަބީ އަޚްލާގެއް ކަމަށް ވިދާޅުވިއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލަށް ބަހުސްކޮށްފައެވެ. އެ ބަހުސްގައި އިބްރާހީމް ވަނީ ނަޝީދުގެ ވެރިކަމުގައި ސަރުކާރުގައި ލޮލުގެ ޑޮކްޓަރުންގެ ނަމުގައި އިސްރާއީލުން ބަޔަކު ގެނެސް، ލޮލުގެ ބައެއް ނެގި ކަމަށް ވިދާޅުވި ނުރުހުން ފާޅުކުރައްވައިފައެވެ. އޭނާ އެ ވާހަކަ ދައްކަވަނިކޮށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ނިޒާމީ ނުކުތާއެއް ނަންގަވައި ވާހަކަދެއްކެވިއެވެ. އަދި ރިޔާސަތުގައި ހުންނެވި ޢަބްދުއްރަޙީމް ޢަބްދުالله ފިއްޓޭއަށް ފުރުސަތު ދިނުމުން، އިބްރާހީމް ނިޒާމީ ނުކުތާއެއް ނަންގަވައި، އޭނާ ''ހުއްޓުވީތީ'' އެކަން ކުށްވެރިކުރެއްވިއެވެ. https://sun.mv/223503 އެ ޖަލްސާގައި އިބްރާހީމް ވަނީ ކޯފާ އިސްކުރައްވައި، ޒިޔާދާއީ އަބްދުއްރަހީމާ ދިމާލަށް ވެސް އިނގިލި ދިއްކުރައްވައި އަޑުގަދަ ކުރައްވައިފައެވެ. އަދި އަބްދުއްރަހީމް ވަނީ އިބްރާހީމް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އެދިވަޑައިގެންފައެވެ. އެކަމާ ގުޅުވައި ނަޝީދު ވިދާޅުވީ މަޖިލީހުގައި ވެސް ބައެއް ސަރުކާރުގެ މެންބަރުން އްވެސް ހަމައެއް ލަމައެއް ނެތި ވާހަކަދައްކަވާ ކަމަށެވެ. އެއީ އިސްލާމްދީނުގައި އަންގަވައިފައިވާ ރިވެތި އުސޫލު ނޫންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެކަކު އަނެކަކާ މުޚާތަބުކުރަންވާނީ އަދި ތަންތަނުގައި ވާހަކަދައްކަން ވާނީވެސް އެ ތަނެއްގައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ނަޝީދުވަނީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީގެ މެންބަރުންނަށް ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ހަނދާންކޮށްދޭން ޖެހިވަޑައިގެންނެވިކަން ފާހަގަކުރައްވައިފައެވެ. މިއީ ދެން ވަރަށް ވަރަށް އެހެން ކަހަލަ މަންޒަރުތަކެއް މި ފެންނަނީ. އެ ބޭފުޅުން [ޕީއެންސީ] ރޫޅެނީ އެ އިނގޭތޯ. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް އެތަން މާ ސާފުކޮށް ފެނިގެންދާނެ އަދި. މިހާރު އެ ބޭފުޅުން އެއްކޮށް ހަމަ އެ ރޫޅެެނީ. އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ޕީއެންސީގައި މިހާރު އެންމެ އިސްކޮށް ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ދައްކަވާ ވާހަކަފުޅު ރާޢްޖޭގެ ރައްޔިތުން މިހާރު އަޑުއަހާ ކަމަށް ރައީސް އަމިއްލަފުޅަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިރޭ ސަންގު ޓީވީއިން ގެނެސްދިން ހޚަބަރަށްފަހު ޕްރޮގްރާމުގެ ތެރެއިން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު -- ފޮޓޯ: ސަންގު ޓީވީ ނަޝީދު ވިދާޅުވީ ޕީއެންސީގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަދި ވަރަށް ބޮޑު ޒިންމާއެއް އެބައޮތް ކަމަށެވެ. އަދި އެ ޕާޓީން ކޮންގްރެސްއެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، އެ ކޮންގްރެސްގައި, ޕާޓީގެ ރައީސްކަމުން ރައީސް މުއިއްޒު ދުރުކުރަން މަސައްކަތް ކުރާނެ ކަމަށް ނަޝީދު ލަފާކުރެއްވިއެވެ. އަޅުގަނޑު ދެކޭގޮތުގައި މި ވަގުތަކީ އެ ޕާޓީގެ ލީޑާޝިޕުން އެ ބޭފުޅާ ދުރުކުރަންޖެހޭ ވަގުތު. އެހެންނޫނީ އެ ޕާޓީވެސް ސަލާމަތެއް ނުވާނެ އިނގޭތޯ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިކަން ހިނގާ ގޮތަށް މަގުބޫލުކަން ގެއްލުނީމާ ޕާޓީ ލީޑަރު ބަދަލުކުރަން ޖެހޭނީ. އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީ ތެރޭގައި ބޭއްވި ވާދަވެރި އިންތިޚާބަކަށް ފަހު ޗެއާޕާސަން ކަމަށް ވަޑައިގެން ނަޝީދު ގެންދަވަނީ ސަރުކާރާ މެދު ނުރުހުން ފާޅު ކުރުމަށް ހަރަކާތްތައް ބާއްވަން ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އެގޮތުން އެ މަނިކުފާނާ ބައްދަލުކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ މާދަމާ ރޭ ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ރާވައިފައެވެ. https://sun.mv/223285 ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަޑައިގަތީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ މަނިކުފާނާއި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން ޕާޓީ ދޫކުރައްވައި ވަޑައިގަތުމަށްފަހު، އަލުން މިދިޔަ އަހަރު އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށްފަހުގައެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕާޓީ ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ