ތިން ގައުމުގައި ކުޅޭ ފުރަތަމަ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ތަރިންގެ ޕޯޗްގަލް ވަރަށް އާދައިގެ ފެށުމަކާއެކު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ގްރޫޕް ކޭގައި ޕޯޗްގަލް ފުރަތަމަ މެޗު ޕޮއިންޓަކުން ފުއްދާލަން ޖެހުނީ ކޮންގޯއާ ވާދަކޮށް 1-1 ން އެއްވަރުވެގެންނެވެ. ހަވަނަ މިނިޓްގައި ލަނޑު ޖަހާ ޕޯޗްގަލްއިން ލީޑް ނެގުމުން ނަތީޖާ ތަފާތުވެދާނެ ކަމަށް ބެލެވުނު ނަމަވެސް ލީޑްގައި ގިނައިރު އޮންނަންވެސް ކޮންގޯއިން ފުރުޞަތެއް ނުދިނެވެ. މެޗުގައި ޕޯޗްގަލްއަށް ލީޑް ނަގައިދިނީ ޖޯ ނެވޭސް އެވެ. ޕެޑްރޯ ނެޓޯ ހުރަސްކޮށްދިން ބޯޅަ ނެވޭސް ބޮލުން ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ. އެކަމަކު ފުރަތަމަ ހާފްގެ ފަހު ސިކުންތުގައި ވިއްސަ ފުންމައިގެން އަރާ ބޮލުން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވައްދާލައިގެން ކޮންގޯއިން ނަތީޖާ ހަމަހަމަކުރިއެވެ. މަސުއަކު ހުރަސްކޮށްދިން ބޯޅަ ބޮލުން ފޮނުވާލުމުން ޕޯޗްގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ އަތުން ޖެއްސޭތޯ ބެލިނަމަވެސް ކާމިޔާބެއް ނުވިއެވެ. މިއީ ވަރލްޑްކަޕްގެ ތާރީޚުގައިވެސް ކޮންގޯގެ ފުރަތަމަ ލަނޑެވެ. އަދި އެމީހުން ހޯދި ފުރަތަމަ ޕޮއިންޓްވެސް މެއެވެ.
ދެވަނަ ހާފްގައި ކަންސޭލޯ މޮޅު ބޯޅައެއް ގޯލަށް ފޮނުވާލި ނަމަވެސް އޭނާ ބޯޅަ ފޮނުވާލިއިރު އޮފްސައިޑްގައި ހުރުމުން ބަލައިނުގަތެވެ. މުޅި މެޗު ފުރިހަމަ ކުރަން ކެޕްޓަން ރޮނާލްޑޯއަށް ފުރުޞަތު ދިންނަމަވެސް ރޮނާލްޑޯވެސް ފެނުނީ ވަރަށް އާދައިގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ދެވަނަ ހާފްގެ ފަހު ވިއްސަކަށް މިނިޓްގެ ތެރޭގައި އޭރިޔާ ތެރެއިން ލިބުނު ދެބޯޅަވެސް ގޯލާ އަމާޒުކޮށް ނުލެވުނެވެ. ރޮނަލްޑޯ ފޮނުވާލި ދެބޯޅަވެސް ދިޔައީ އަރިމަތިން ބޭރަށެވެ. މެޗު ނިމެން ދަނިކޮށް ބުރޫނޯ ފެނާންޑޭޒް ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒެއް ނުވިއެވެ.
މިއީ 41 އަހަރުގެ ރޮނަލްޑޯގެ 6 ވަނަ ވަރލްޑްކަޕެވެ. އަދި މިމެޗާއެކު ރޮނަލްޑޯ ވެފައިވަނީ ކީޕަރުން ފިޔަވާ ވަރލްޑްކަޕް މެޗެއް ފަށަން ނިކުއިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.
އެމެރިކާގެ ހޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބަލަން 69،000 އެއްހާ ސަޕޯޓަރުން ވަނެވެ.
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ގޯލް ޕޯޗްގަލް ކޮޅަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ