އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތް: އިލާންގެ ހަތަރު ގޯލާ އެކު މާޒިޔާ ފެށުން ވަރުގަދަ، ބުރަށް މޮޅެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފެށި 19 އަހަރުން ދަށުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯޓްސް ކްލަބް މޮޅަކުން ފަށައިފި އެވެ. 
މާޒިޔާ އިން ވަނީ ފުރަތަމަ މެޗުގައި 8-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ބުރުން ފުރަތަމަ. މެޗުގައި ވ. ކެޔޮދޫއާ ކުޅެގެން މޮޅުވީ 2-1 އިންނެެވެ. 
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ އިން ޖެހި އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން، އަދި ސީނިއާ ގައުމީ ޓީމުގެ ވެސް ފޯވާޑް، މުހައްމަދު އިލާން އިމްރާން އެވެ. 
މާޒިޔާގެ އަނެއް ހަތަރު ލަނޑު ޖެހީ، ނަހީކު އަހުމަދު ނިޔާޒް ދެ ލަނޑާއި އަނޫފް އަބްދުﷲ އަދި ކުރިން ވެލެންސިއާ އަށް ކުޅުނު އައިދު މުހައްމަދު ޖަވީޒް އެވެ. 
ބުރުން އަހުމަދު ރައްޔާން އާދަމް ލީޑުނަގައިދީފައިވަނިކޮށް ކެޔޮދޫ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން އަޒުހަދު މުހައްމަދު ޒާހިދު އެވެ. މެޗުން ބުރު މޮޅުކޮށްދިން ލަނޑު ޖެހީ، މުހައްމަދު ޖޫދު އިސްމާއިލް އެވެ. މިއީ، ވެސް ޕެނަލްޓީ އަކުން ޖެހި ގޯލެކެެވެ. 
އެފްއޭއެމްގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރަނީ،  މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކެޔޮދޫ، އޮޑި ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި، ބުރު ސްޕޯޓްސް ކްލަބް އެވެ. 
ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ އެކު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕްގައި މާދަމާރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓުން ބައްދަލުކުރާނީ އޮޑިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ