ގެގް އޯޑަރު އިސްތިއުނާފު ކުރުމުގެ ހައްގު އެމްޖޭއޭއަށް ލިބިގެން ނުވާކަމަށް ނިންމީ ގަވައިދާ ޚިލާފަށް: އަބްދުﷲ ދީދީ

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އަށް ގެގް އޯޑަރު އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެން ނުވާކަމަށް ހައިކޯޓުން ނިންމީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއާތުތަކާ ޚިލާފަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެ އަމުރު ހައިކޯޓުން މިއަދު ރިޖެކްޓްކުރީ އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ނެތް ކަމަށް ބުނެއެވެ. އެ ނިންމުން ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެވެ. https://sun.mv/222104 އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީއަތް ހިންގުން ކަަވަރުކޮށްދޭ އެންމެ އަސާސީ އެއް މަބްދައަކީ އިސްތިއުނާފުކުރުމުގެ ހައްގުކަން އެނގެން އޮންނައިރު، ކޯޓުތަކުން އިއްވާ ހުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ހައްގަކީ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުވާ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިން ވެސް ޝާމިލުވެގެންވާކަން އެނގެން އޮންނަ ކަމަށް ދީދީ ވިދާޅުވިއެވެ. އެހެންކަމުން ނޫސްވެރިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތް ކުރުމަށް އުފައްދާފައިވާ ޕްރޮފެޝަނަލް އޮގަނައިޒޭޝަން ކަމަށްވާ އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެން ނުވާކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއާތުތަކާ ޚިލާފަށް ނިންމާފައިވާ އާބިޓްރަރީ ނިންމުމެއްކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ދީދީ ވިދާޅުވިއެވެ. https://x.com/i/status/2055969811394342970 އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމާއެކު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އަލުން އެ މައްސަލަ ހައިކޯޓުގައި މިއަދު ވަނީ އިސްތިއުނާފު ކޮށްފައެވެ. މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނެރުނު މި އަމުރު އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅިއިރު، މި އަމުރާ ޚިލާފުވެގެން ކަމަށް ބުނެ، ދެ ނޫސްވެރިޔަކު ވަނީ ޖަލަށް ވެސް ލާފައެވެ. https://sun.mv/222117 އެ އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޖޭއޭއިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ މި އަމުރަކީ މުޅި މުޖުތަމައަށް އަމާޒުކޮށް ނެރެފައިވާ އަމުރަކަށްވާއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނާއި ނޫސްވެރިންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ