ޗެޓްޖީޕީޓީ މެދުވެރިކޮށް އަމިއްލަ މާލީ ކަންކަން ބެލެހެއްޓޭ ފީޗާއެއް ނެރެފި

ޗެޓްޖީޕީޓީ ބޭނުންކޮށްގެން އަމިއްލަ ފައިސާގެ ކަންކަން ބެލެހެއްޓޭ އައު ފީޗާތަކެއް ތައާރަފްކޮށްފިއެވެ. އޯޕަންއޭއައި އިން ހުކުރު ދުވަހު ވަނީ ޗެޓްޖީޕީޓީ މެދުވެރިކޮށް އަމިއްލަ މާލީ ކަންކަން ބެލެހެއްޓޭނެ އައު ތަޖުރިބާއެއްގެ ޕްރިވިއުއެއް އާންމުކޮށްފައެވެ. އެމެރިކާގެ ޕްރޯ ސަބްސްކްރައިބަރުންނަށް މިހާރު ލިބެން ހުރި މި އައު ޚިދުމަތުގެ ސަބަބުން، ބޭނުންކުރާ ފަރާތުގެ އެކި މާލީ އެކައުންޓްތަކާ ޗެޓްބޮޓް ގުޅާލައި، މާލީ ކަންކަމާ ގުޅޭގޮތުން ކުރާ ކޮންމެ ސުވާލަކަށް އެކަށީގެންވާ ޖަވާބު ހޯދައިދެއެވެ. މީގެ އިތުރުން، ބޭނުންކުރާ ފަރާތްތަކުގެ ޚަރަދުތަކާއި، ރައްކާކުރާ ފައިސާއާއި، އިންވެސްޓްމަންޓްތަކާއި އަދި މޯގޭޖްތައް ސާފުކޮށް ފެންނާނެ ފަދަ ޑޭޝްބޯޑެއްވެސް މި ޚިދުމަތުގައި ހިމެނެއެވެ. ސެން ފްރެންސިސްކޯއަށް ނިސްބަތްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިން ހާމަކުރި ގޮތުގައި، މި ޚިދުމަތް ބޭނުންކުރާއިރުވެސް ޔޫޒަރުންގެ ޒާތީ މައުލޫމާތުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އެފަރާތްތަކަށެވެ. ޚަރަދުވި ފައިސާއާއި، ބާކީ ހުރި ފައިސާ ފަދަ މައުލޫމާތު މިޚިދުމަތުން ބުނެދޭނެ --- ކުންފުނިން ނެރުނު ބަޔާނެއްގައި މި އައު ފީޗާގެ ތަފްސީލްތައް ހިއްސާކުރަމުން ބުނެފައިވަނީ، މިވަގުތު މި ޚިދުމަތް ދޫކޮށްލާފައިވަނީ ޝަރުތުހަމަވާ ޔޫޒަރުންގެ ތެރެއިން ވަރަށް މަދު ބަޔަކަށް ކަމަށެވެ. އެއީ ދުނިޔޭގެ ހަގީގީ މާހައުލުގައި މީގެ ބޭނުން ހިފާގޮތް ދެނެގަތުމަށެވެ. އަދި އޭގެ ފަހުން އެމެރިކާގެ ހުރިހާ ޕްރޯ ސަބްސްކްރައިބަރުންނަށް މި ޚިދުމަތް ފުޅާކުރެވޭނެއެވެ. އަދި އޭގެ ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިޚިދުމަތް ފުޅާކުރާނެކަމަށް އެކުންފުނިން ބުނެއެވެ. މިފަދަ ފީޗާއެއް ތައާރަފްކުރި ސަބަބެއް ކަމަށް އޯޕަންއޭއައި އިން ބުނީ، މިހާރުވެސް 200 މިލިއަނަށްވުރެ ގިނަ މީހުން ބަޖެޓް ހެދުމަށާއި، އިންވެސްޓްމަންޓް އެހީތެރިކަމަށާއި އަދި އެހެނިހެން މާލީ ކަންކަމުގައި ޗެޓްޖީޕީޓީ ބޭނުންކުރަމުންދާތީއެވެ. މި އައު ބަދަލާއެކު ޗެޓްޖީޕީޓީއަށް ޔޫޒަރުންގެ މާލީ އެކައުންޓްތަކާ ގުޅާލުމުގެ ގާބިލްކަން ލިބިގެންދެއެވެ. މާލީ މައުލޫމާތުތަކަށް ވާސިލްވެވުމުން، މާލީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރޭވުމުގައްޔާއި ޔޫޒަރުން ކުރާ ސުވާލުތަކަށް، ހާލަތާ ގުޅޭ ރަނގަޅު ޖަވާބު ދިނުމަށް ޗެޓްބޮޓަށް ފަސޭހަވެއެވެ. މީގެ ސަބަބުން ކޮންމެ ފަހަރަކު މާލީ ހާލަތު ތަފްސީލްކޮށް ކިޔައިދޭން ނުޖެހި، އުނދަގޫ ސުވާލުތައްކޮށް ސީދާ އެމީހަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޖަވާބުތައް ހޯދުމުގެ ފުރުސަތު ލިބެއެވެ. ޔޫޒަރުންގެ މާލީ މައުލޫމާތު ޗެޓްބޮޓާ ގުޅާލުމަށް އެހީތެރިވުމުގެ ގޮތުން، ޗެޓްޖީޕީޓީން މިހާރު ވެބް އަދި އައިއޯއެސް މެދުވެރިކޮށް 12,000 އަށްވުރެ ގިނަ މާލީ އިދާރާތަކަށް ސަޕޯޓްކުރެއެވެ. ފެށުމެއްގެ ގޮތުން އެކައުންޓްތައް ރައްކާތެރިކަމާއެކު ގުޅާލަދެނީ 'ޕްލެއިޑް' މެދުވެރިކޮށް ކަމަށްވާއިރު، މާލަސްތަކެއް ނުވެ 'އިންޓުއިޓް'ގެ ސަޕޯޓްވެސް އިތުރުކުރެވޭނެއެވެ. މި ޚިދުމަތް ލިބޭ ޔޫޒަރުން އެކައުންޓް ގުޅާލުމަށް ޗެޓްޖީޕީޓީގެ ސައިޑްބާގައި އިންނަ "ފައިނޭންސަސް" އަށް ގޮސް "ގެޓް ސްޓާޓެޑް" އަށް ފިތާލުމުން ނުވަތަ ކޮންމެ ޗެޓެއްގެ ތެރޭގައިވެސް “@ފައިނޭންސަސް, ކަނެކްޓް މައި އެކައުންޓްސް” ޖަހާލުމުން ފުދެއެވެ. މި ސެޓަޕް ފުރިހަމަކުރުމުން، ޔޫޒަރުންނަށް އެމީހުންގެ ޚަރަދުތަކާއި، ދައްކަންޖެހޭ ފައިސާއާއި، އިންވެސްޓްމަންޓް ޕޯޓްފޯލިއޯ އަދި ސަބްސްކްރިޕްޝަންތައް ވަގުތުން ފެންނާނެ ޑޭޝްބޯޑެއް ލިބޭނެއެވެ. މީގެ އިތުރުން ކުރެވޭނެ ކަންކަމުގެ ތެރޭގައި، ކްރެޑިޓް ކާޑެއް ލިބުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ޓެކްސްގެ އަންދާޒާ ހިސާބުތައް ހޯދުމާއި، އަދި އިންޓުއިޓް މެދުވެރިކޮށް އެ ސަރަހައްދެއްގެ ޓެކްސް މާހިރަކާއެކު ސެޝަނެއް ތާވަލުކުރުންވެސް ހިމެނެއެވެ. ރައްކާތެރިކަމާއި ޒާތީ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށްޓަކައި، ބޭނުންކުރާ ފަރާތްތަކަށް ބޭނުން ކޮންމެ ވަގުތެއްގައި އެކައުންޓްތައް ވަކިކޮށްލެވޭނެއެވެ. އޯޕަންއޭއައި އިން ބުނިގޮތުގައި، ސިންކްކޮށްފައިވާ އެކައުންޓްގެ މައުލޫމާތުތައް ސިސްޓަމުން 30 ދުވަހުގެ ތެރޭގައި ފޮހެވޭނެއެވެ. އަދި ޗެޓް ހިސްޓްރީގައި ހުންނަ މާލީ މައުލޫމާތުތައްވެސް ފޮހެލުމުގެ އިޚްތިޔާރު ޔޫޒަރަށް ލިބެއެވެ. މީގެ އިތުރުން ޗެޓްޖީޕީޓީގެ މާލީ ހަނދާން ނުވަތަ 'ފައިނޭންޝަލް މެމޮރީ' ވެސް ބަލާލެވޭނެ އަދި ފޮހެލެވޭނެއެވެ. ޗެޓްޖީޕީޓީން ބުނާގޮތުގައި، ގުޅާލެވިފައިވާ މާލީ އެކައުންޓްތަކާއެކު ކުރެވޭ މުއާމަލާތްތައް ހިންގާނީ 'ޖީޕީޓީ-5.5 ތިންކިން' މޮޑެލްގެ އެހީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ