މައިންޑްކޯއާއި ބީއެމްއެލްއިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި

މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގުޅިގެން ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރ، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފިއެވެ. މިއީ ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމުގެ އެޖެންޑާ މޯލްޑިވްސް 2.0 ގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
މައިންޑްކޯއާއި ބީއެމްއެލް ގުޅިގެން ބާއްވާ ކޯ.ލެބް 26 އިވެންޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. ކޯ.ލެބް 26 އަކީ އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭނެ ގައުމީ އުސޫލުތަކާއި އިސްތިރާތީޖީތައް ކަނޑައެޅުމަށްޓަކައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ގައުމީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސަރުކާރުގެ އިސްވެރިންނާއި، އަމިއްލަ ވިޔަފާރިތަކާއި، ފަންނީ މާހިރުންގެ އިތުރުން ސޮފްޓްވެއަރ ޑިވެލޮޕަރުން ބައިވެރިވާނެއެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާއަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ.
މީގެއިތުރުން ޑޭޓާގެ ތައްޔާރީތަކާއި، އަމަލީގޮތުން އެކަން ކުރެވިދާނެ މިންވަރާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް އިސްކަންދޭނެ ކަންކަން ކަނޑައެޅޭނެއެވެ. ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ. މި ހެކަތަންގައި ދެ ދާއިރާއަކުން (ޓްރެކަކުން) މަސައްކަތް ކުރެވޭނެއެވެ. އެއީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ "އެޕްލައިޑް އޭއައި ޓްރެކް" އާއި، ބޭންކް އޮފް މޯލްޑިވްސްގެ 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން ކުރިއަށްގެންދާ "ފިންޓެކް އިނޮވޭޝަން ޓްރެކް" އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކަސްޓަމަރުންނަށް ޚިދުމަތްދޭ އިދާރާތަކުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި ހިރާސްތައް މެނޭޖުކުރުމާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާއި ސްކޭމްތައް ދެނެގަތުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން، އަވަސް އަދި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އާޓިފިޝަލް އިންޓެލިޖެންސް އޭއައިއަށް ލިބިގެންދާކަމަށެވެ.
"ޓެކްނޮލޮޖީއަކީ މާލީ އިދާރާތަކަށް މިހާރު ހަމައެކަނި މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެއް ނޫން. އޭގެ ބަދަލުގައި، އެއީ ކަސްޓަމަރުންގެ ތަޖުރިބާއާއި، ހިދުމަތްތަކަށް އޮންނަ ފަސޭހަކަމާއި، އަދި އިގްތިސާދީ ބައިވެރިވުން ބައްޓަންކުރަމުންދާ މުހިންމު ވަސީލަތެއް." ޝަރީފް ވިދާޅުވިއެވެ.
މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ސަރުކާރުތައް ހިންގާ ގޮތަށާއި އިގްތިސާދުތަކުގެ ވާދަވެރިކަމަށާއި ރައްޔިތުންނަށް ހިދުމަތް ލިބޭ ގޮތަށް އޭއައިގެ ނުފޫޒު ފޯރާނެކަމަށެވެ. އަދި މޯލްޑިވްސް 2.0 ގެ ތަސައްވަރުގެ ދަށުން، ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު އިފްތިތާހުކުރުމަކީ އޭއައި އަދި ޑޭޓާގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސައީދާ ވިދާޅުވިއެވެ.
"މިއީ އަމަލީ ގޮތުން ބޭނުންކުރެވޭ، އިތުބާރު ހުރި، އަދި ރާއްޖޭން އިސްކަންދޭ ކަންކަމާ ގުޅޭ މަސައްކަތެއް. މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސްގެ ސްޓްރެޓީޖިކް ޕާޓްނަޝިޕްގެ ސަބަބުން، ގައުމީ ޑިޖިޓަލް ބަދަލުތަކާއި، އަމަލީ ގާބިލުކަމާއި، ދިވެހި ހުނަރުވެރިން ބިނާކުރުމުގެ އިތުރުން ސަރުކާރާއި މުހިންމު ދާއިރާތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ." ސައީދާ އުމަރު ވިދާޅުވިއެވެ.
ކޯ.ލެބް 26 ފަރުމާކުރެވިފައިވަނީ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކޮށް، އޭއައި، ޑޭޓާ އަދި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ގައުމުގައި ދެމެހެއްޓެނިވި ގާބިލުކަން އުފެއްދުމަށެވެ. ހެކަތަންގެ ނަތީޖާއެއްގެ ގޮތުން ޕްރޮޓޯޓައިޕްތަކާއި، ހައްލު ހޯދޭނެ މަގުތަކާއި، އަދި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ކޮންސެޕްޓްތައް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ