އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ޔޫސުފް ވަހީދު އެ މަގާމުން ވަކިކޮށްފިއެވެ.
ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އިއުލާނުކޮށްފައިވާ ގޮތުގައި، އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކުރުމަށް ނިންމައި އެ ނިންމުމަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ޔޫސުފް ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލްކުރައްވައިގެން ހުންނެވި، މާލީ ދާއިރާގެ ތައުލީމީ ބޭފުޅެކެވެ. އޭނާ އެޗްޑީސީގެ ބޯޑަށް އައްޔަނުކުރެވުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެޗްޑީސީގެ ބޯޑުން މިއަދު އޭނާ ވަކިކޮށްފައިވާއިރު، މީގެކުރިން ޑިސެމްބަރު 2024 ގައި އެޗްޑީސީގެ ބޯޑާ ގުޅޭގޮތުން ހިންގި ބޮޑު ތަހުގީގަކާ ގުޅިގެން ވެސް އޭނާއަށް ފިޔަވަޅު އެޅުނެވެ. އެ ފަހަރު ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ޔޫސުފް ވަހީދު ހިމެނޭހެން ބޯޑުގެ ހުރިހާ މެންބަރުން ވަގުތީގޮތުން ސަސްޕެންޑް ކުރެވުނެވެ.
ނަމަވެސް، އެ ފަހަރުގެ ސަސްޕެންޝަނަށް ހަތަރު ދުވަސް ފަހުން ޕީސީބީން ވަނީ އެ ސަސްޕެންޝަން އުވާލައި، އަލުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމުގެ ހުއްދަ ދީފައެވެ. އޭގެ ފަހުން މިއަދު އޭނާ މަގާމުން ވަކިކުރިކަން މިވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ