ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް، އެ މީހުން ފީނަން ދިޔަ ހޮހަޅައިގެ ތެރެއިން މިއަދު ފެނިއްޖެ އެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ ލޮކޭޓް ކުރެވިފަ އެވެ.
އެމްއެންޑީއެފުން ބުނީ މި މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކަމަށެވެ. މީގެ ތެރޭގައި މިއަދު ހެނދުނު ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމު ވެސް ހިމެނެ އެވެ. ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ އެ މީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިންނެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ފިންލެންޑުން އައި ޓީމަކީ ހޮހަޅައަށް ފީނުމުގެ ހާއްސަ ތަޖުރިބާ ލިބިފައިވާ އަދި ބޭނުންވާ ޓެކްނިކަލް ސާމާނާއެކު އައި ޓީމެއް ކަމަށެވެ. މި އޮޕަރޭޝަންގައި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ޓެކްނިކަލް ސަޕޯޓު ވެސް ލިބެމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.
މި ހާދިސާގައި ގެއްލުނު ފަސް މީހުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން 60 މީޓަރު އަޑިން ފެނިފައިވާއިރު، އަނެއް ހަތަރު މީހުން ތިބީ ގާތްގަނޑަކަށް 200 ފޫޓު ފުން އެ ހޮހަޅައިގެ އެތެރޭގަ އެވެ. އެމްއެންޑީއެފުން ބުނީ ކުރިއަށް ހުރި ޑައިވްތަކުގައި އެ މީހުންގެ ހަށިގަނޑުތައް ހޮހަޅައިން ނެގުމުގެ މަސައްކަތް ކުރުމަށް މިހާރު ރޭވިފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ދަނިކޮށް، އިއްޔެ ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވެފަ އެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ