އެތުލެޓިކޯ ދޫކޮށް ބާސެލޯނާ އަށް ދެވުމަކީ ހެދުނު ގޯހެއް ކަމަށް ގްރީޒްމަން ބުނެފި

މެޑްރިޑް (މެއި 18) - މީގެ ކުރިން އެތުލެޓިކޯ މެޑްރިޑް ދޫކޮށް ބާސެލޯނާ އަށް ދެވުމަކީ ހެދުނު ގޯހެއް ކަމަށް، މި ސީޒަނަށް ފަހު، އެމެރިކާ ލީގު (އެމްއެލްއެސް)ގެ ކްލަބް އޯލަންޑޯ ސިޓީ އަށް ބަދަލުވި ފްރާންސްގެ ފޯވާޑް، އަންޓުއާން ގްރީޒްމަން ބުނެފި އެވެ. 
 މީގެ ކުރިން ވެސް ގްރީޒްމަން، 34، ވަނީ އެއް ފަހަރު އެތުލެޓިކޯ ދޫކޮށްލައިފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު ގްރީޒްމަން ވަނީ އެތުލެޓިކޯ ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ. އެކަމަކު، ބާސެލޯނާގައި ދެ އަހަރު ހޭދަކުރުމަށްފަހު ގްރީޒްމަން އެނބުރި އެތުލެޓިކޯ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ.
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި، އަންޓުއާން ގްރީޒްމަން، އެމެރިކާ ލީގު (އެމްއެލްއެސް)ގެ ކްލަބް އޯލަންޑޯ ސިޓީ އަށް ބަދަލުވުމަށް އެއްބަސްވުމަކަށް ވަނީ އަތުވެފައި.
އެތުލެޓިކޯ ދަނޑުގައި އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ކުޅުނު ފަހު މެޗަށް ފަހު ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ، މީގެ ކުރިން އެތުލެޓިކޯ ދޫކޮށްލަން ނިންމި ނިންމުމަކީ ހެދުނު ގޯހެއް ކަމަށެވެ. 
"ފުރަތަމަ ކަމަކަށް އެންމެން ވެސް މަޑުކުރީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ވަރަށް އުފާވޭ އެކަމާ. ދެން އޮތް ކަމަކީ، އަހަންނަށް އެނގޭ ވަރަށް ގިނަ ބަޔަކު އަހަންނަށް މާފުކުރިކަން، އެކަމަކު އަދިވެސް ބައެއް މީހުން އެބަތިބިކަން މާފުނުކުރާ. އެެހެންވެ، މާފަށް އެދެން ކުރިން ފަހަރު މި ކްލަބް ދޫކޮށްލެވުނީތީވެ. އަހަންނަށް ކުރިން ނުވިސްނުނު މި ކްލަބާ އަހަންނާ ދެމެދު އޮތް ގުޅުން. އަހަރެން ޒުވާނެއްގެ ގޮތުގައި ހުރެ ހެދުނު ގޯހެއް އެއީ،" ގްރީޒްމަން ބުންޏެވެ. 
"އެކަންކަން ރަނގަޅުކުރަން އަލުން ދެ ވަނަ ފަހަރަށް އަހަރެން މި ޓީމަށް އައީ،" 
ކުރިން ރެއާލް ސޮސިއެޑާޑާއި ބާސެލޯނާ އަށް ކުޅުނު ގްރީޒްމަން އަކީ އެތުލެޓިކޯގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެތުލެޓިކޯ އަށް ކުޅެދިން 500 މެޗުން ގްރީޒްމަން ވަނީ އެ ޓީމަށް 212 ލަނޑު ޖަަހައި، 100 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޖެނުއަރީ މަހުން ފެށިގެން އައީ އެމްއެލްއެސްގެ ކްލަބް، އޯލަންޑޯ ސިޓީއާ ވާހަަކަ ދައްކަމުންނެވެ. އެކަމަކު، އެންމެ ފަހު ވަގުތު ގްރީޒްމަން ނިންމީ އެތުލެޓިކޯގައި މަޑުކުރުމަށެވެ. އެކަމަކު، ގްރީޒްމަން މިހާރު މި ވަނީ، އެތުލެޓިކޯއާ އެކު އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ނިންމާލައި، ޖުލައި އެއް ވަަނަ ދުވަހު، އޯލަންޑޯ އަށް ބަދަލުވުމަށް އެއްބަަސްވުމުގައި ސޮއިކޮށްފަ އެވެ.
ގްރީޒްމަން ވަނީ އަބަދުވެސް އެތުލެޓިކޯގެ ސަޕޯޓަރެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ