އޮޑިޓް ރިޕޯޓް: ބިންވެރިޔާ ސްކީމުން އެޗްޑީސީއަށް ބޮޑު ގެއްލުމެއް، މާލީ ހާލަތު ވެސް ގޯސް

ކުރީ ސަރުކާރުން 2023 ވަނަ އަހަރު ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
އެ ރިޕޯޓުގައިވާ ގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ޖުމްލަ 9,032 ގޯތި ދޫކޮށްފައިވާ އިރު، އެ ގޯތިތަކުގެ އަގު 14.85 ބިލިއަން ރުފިޔާ އާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އަރާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު 1,347 ގޯތި އިތުރަށް ދޫކޮށް، ޖުމްލަ 3,520 ގޯތި 123 ބިމެއްގައި ކަނޑައަޅާފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ގޯތިތައް ދޫކުރުމުގައި އެޗްޑީސީގެ ބިމުގެ އިންވެންޓަރީ ދަށްވެ، 7,000 އަކަފޫޓުގެ ގޯތިތަކުން 92 އިންސައްތަ އަދި 4,000 އަކަފޫޓުގެ ގޯތިތަކުން 76 އިންސައްތަ ގެއްލުންވެފައިވެއެވެ. އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެޗްޑީސީއަށް ލިބެންޖެހޭ ބިމުގެ އަގުގެ ގޮތުގައި ގާތްގަނޑަކަށް 5.3 ބިލިއަން ރުފިޔާ ގެއްލިފައިވެއެވެ.
މީގެ އިތުރުން، ގޯތި ދޫކުރުމުގައި ބިމުގެ އަގު ކަނޑައެޅުމާއި ބަދަލު ދިނުމުގެ އެއްވެސް އުސޫލެއް ހަމަޖެހިފައި ނެތް ކަމަށާއި، 2021 އިން 2024 އަށް އެޗްޑީސީގެ މާލީ ހާލަތު ގޯސްވަމުން ގޮސްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ