ޣައްޒާގެ ޙިޞާރު ފޫއަޅުވައިލައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރި އުޅަނދުތަކަށް ޔަހޫދީ ސިފައިން ހުރަސްއަޅާފައިވާ ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ ގްލޯބަލް ޞުމޫދް ފްލޮޓިއްލާ ޖަމްޢިއްޔާއިން ބުނެފިއެވެ.
އެ ޖަމްޢިއްޔާއިން މީސްމީޑިޔާގައި އާންމުކުރި ބަޔާނެއްގައި ބުނީ، ޣައްޒާގެ 250 މޭލު ބޭރުން، ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން ދަތުކުރަމުންދާ އުޅަނދުތަކަށް ޔަހޫދީންގެ ނިރުބަވެރި ކަނޑުގެ ސިފައިން ޙަމަލާދޭން ތައްޔާރުވަމުންދާ ކަމަށެވެ.
މިގޮތުން، ސައިޕްރަސްގެ ކަނޑުގެ ސަރަޙައްދުން ވެސް އެ ފްލޮޓިއްލާގައި ހިމެނޭ ބައެއް އުޅަނދުތަކަށް ޔަހޫދީ ސިފައިން އަރާފައިވާކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
މިދިޔަ ހަފްތާގައި ތުރުކީވިލާތުން ފުރައިގެން، ޣައްޒާގެ ޙިޞާރު ފޫއަޅުވާލައި، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 50 އެއްހާ އުޅަނދު ދަނީ ޣައްޒާއަށް ދަތުރުކުރަމުންނެވެ.
އެ ފްލޮޓިއްލާގައި ހިމެނޭ ބައެއް އުޅަނދުތަކަށް އަރައި، އޭގައި ތިބި މީހުން ހައްޔަރުކޮށްގެން، ޔަހޫދީ ކަނޑުގެ ސިފައިންގެ އުޅަނދެއްގައި ގެންގޮސްފައިވާކަމަށް ބައެއް ރިޕޯޓުތައް ބުންޏެވެ.
ޣައްޒާގެ ސަރަޙައްދީ ރޮނގު އޮތީ ޔަހޫދީންގެ ކޮންޓުރޯލުގެ ދަށުގައެވެ. އަދި، އެ ސަހަރުގައި ތިބި 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތައްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ދަނީ ހުރަސްތަކެއް ކުރިމަތި ކުރަމުންނެވެ.
މިދިޔަ އެޕްރީލު 12 ވަނަ ދުވަހު ސްޕެއިންގެ ބަރްސެލޯނާ ބަނދަރުން ފުރި ފްލޮޓިއްލާގެ އުޅަނދުތައް ވެސް ޔަހޫދީން ހިފަހައްޓާފައިވަނީ ޣައްޒާއާ އެތައް ސަތޭކަ މޭލެއް ދުރުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް، 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ 40 އެއްހާ އުޅަނދު ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ އެ އުޅަނދުތައް ހުއްޓުވައި، އެ އުޅަނދުތަކުގައި ދަތުރުކުރި މީހުން ހައްޔަރުކޮށްފައެވެ.
ޔަހޫދީ ސިފައިން ހައްޔަރުކުރި 450 އެއްހާ މީހުންގެ ތެރޭގައި ތިމާވެށީގެ ޙިމާޔަތުގައި ވަކާލާތުކުރާ މަޝްހޫރު އެކްޓިވިސްޓު ގްރެޓާ ތުންބަރގް ވެސް ހިމެނެއެވެ.
ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ހުއްޓުވައި، މީހުން ހައްޔަރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ