ކޯޓު އަމުރާ ހިލާފުވެފައިވާކަމަށް ބުނެ ނަޝީދާއި ޔާމީނުގެ މައްޗަށް މައްސަލައެއް ހުށަހަޅައިފި

ކޯޓު އަމުރާ ހިލާފުވެފައިވާކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީނުގެ މައްޗަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ 'ގެގް އޯޑަރު' ނުވަތަ އެ މައްސަލައާ ގުޅޭގޮތުން އެއްވެސް މިންވަރަކަށް ވާހަކަދެއްކުން މަނާކުރާ އަމުރާ ނަޝީދާއި ޔާމީނުގެ ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައިދިނުމަށް މިއަދު ވަނީ އަމިއްލަ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
އެގޮތުން ނަޝީދުގެ އެކި ސްޕީޗުތަކުގައި ތަކުރާރުކޮށް އަމުރާ ހިލާފުވަމުން އަންނަ ކަމަށާ ޔާމީން ވެސް އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކަވަމުން ގެންދަވާކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވާއިރު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ރައީސް މުހައްމަދު މުއިއްޒު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް ކޯޓުގެ އަމުރާ ހިލާފުވެފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ނޫސްވެރިންގެ މައްޗަށް ހިންގަމުން ދަނީ ޣައިރު ގާނޫނީ ޝަރީއަތްތަކެއް ކަމަށާއި އެކަން ވަގުތުން ހުއްޓާލައި ނުހައްގުން ބަންދުކޮށްފައިވާ ނޫސްވެރިން މިނިވަންކުރުމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގުޅިގެން ސަރުކާރަށް ވަނީ ގޮވާލާފައެވެ.
މިކަމާ ގުޅިގެން ތިން ރައީސުން އެކުގައި ބައްދަލުވުން ވެސް ބާއްވާފައިވާއިރު، ނަޝީދު ވަނީ ކޯޓުގެ އަމުރަކާ ހިލާފުވި ކަމަށް ބުނެ 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެން، ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ބާއްވާ އިހުތިޖާޖުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. ނަޝީދު ވަނީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ.
އަދަދުގެ ދެ ނޫސްވެރިންގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ރާއްޖެއިން ފުރައިގެން ދިއުން މަނާކޮށް، ދަނީ ޝަރީއަތް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ