ހުޅުމާލޭން ހިލޭ ގޯތި ދިނުމުން އެޗްޑީސީއަށް 15 ބިލިއަން ރުފިޔާގެ ގެއްލުންވި: އޮޑިޓް

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން ހިލޭ ގޯތި ދޫކުރުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް 14.85 ބިލިއަން ރުފިޔާއާއި 15.93 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް އޮޑިޓް ރިޕޯޓަކުން ދައްކައިފިއެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުން އެޗްޑީސީއަށް ލިބުނު ގެއްލުން ވަޒަން ކުރުމަށް ހެދި ޚާއްސަ އޮޑިޓެއް މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓް އޮފީހުން ވަނީ އާންމުކޮށްފައެވެ. އެ އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ސްކީމުގެ ދަށުން އެޗްޑީސީގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން 2،841،400 އަކަފޫޓުގެ ބިން ވަކިކުރިއެވެ. ބިންވެރިޔާ ސްކީމުން ބިން ދޫކުރުން: ހުޅުމާލޭން ހިލޭ ގޯތި ދިނުމުން އެޗްޑީސީއަށް 15 ބިލިއަން ރުފިޔާގެ ގެއްލުންވި -- ސަން ފޮޓޯ މިގޮތުން، އެ ބިންތައް މާކެޓް ރޫޓް އުސޫލުން ވިއްކައިފިނަމަ، 14.8 ބިލިއަން ރުފިޔާއާއި 15.9 ބިލިއަން ރުފިޔާއާ ދެމެދުގެ އަގެއް އެޗްޑީސީއަށް ލިބޭނެ ކަމަށް އޮޑިޓުގައި ލަފާކޮށްފައިވެއެވެ. އެ ސްކީމުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހިން 473 މީހަކަށް ދޫކުރި 188 ގޯއްޗަކީ، ބީޗްސައިޑް ގޯތިތަކާ އެއްގޮތް ގޯތިތަކެކެވެ. އެ ބިންތަކުގެ ބޮޑުމިނުގައި 347،600 ހުރިއިރު، އެ ބިންތައް ވިއްކައިގެން 2.5 ބިލިއަން ރުފިޔާ ލިބޭނެއެވެ. މީގެއިތުރަށް، ހުޅުމާލެ ދެވަނަ ފިޔަވަހިން އެހެނިހެން 1،166 މީހުންނަށް 521 ގޯތި ދޫކުރިއެވެ. އެއީ، 909،250 އަކަފޫޓުގެ ގޯތިތަކެއް ކަމަށްވާއިރު، އެ ގޯތިތައް ވިއްކައިގެން 4.9 ބިލިއަން ރުފިޔާ ލިބޭނެއެވެ. ބިންވެރިޔާ ސްކީމްގެ ގޯތިތަކެއް: ހުޅުމާލޭން ހިލޭ ގޯތި ދިނުމުން އެޗްޑީސީއަށް 15 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް އޮޑިޓުގައި ފާހަގަކުރި -- ފޮޓޯ/ އެޗްޑީސީ ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ތިން ވަނަ ފިޔަވަހިން ވެސް ބިން ދޫކުރިއެވެ. އެ ސަރަހައްދުން ޖުމްލަ 2،481 މީހުންނަށް 644 ގޯތި ސަރުކާރުން ދޫކުރިއެވެ. އޮޑިޓުގައި ބުނި ގޮތުގައި، އެ ގޯތިތައް ވިއްކި ނަމަ އެޗްޑީސީއަށް 84 ބިލިއަން ރުފިޔާ ލިބުނީހެވެ. އޮޑިޓުގައި ބުނި ގޮތުގައި، އެ ބިންތައް އެއްވެސް އަގަކާ ނުލައި 4،120 މީހުންނަށް ދިނުމުން އެޗްޑީސީއަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދައުލަތުގެ މާލިއްޔާއިން ހޭދަކުރަން ޖެހުމުން ދައުލަތުގެ މާލީ ހާލަތަށް ބޮޑު ނޭދެވޭ އަސަރެއް ވަނީ ކޮށްފައެވެ. އެއާއެކު، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ކޮންމެ މީހަކަށް 3.8 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރިއެވެ. އެއީ، ހިޔާ މަޝްރޫއުގައި ފުލެޓު ލިބުނު މީހަކަށް ޚަރަދުވި ވަރަށް ވުރެ 70 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ކުރިން ވެސް ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލަތަކެއް ފާހަގަވެ، އެޗްޑީސީން މިދިޔަ އަހަރުގެ މާރިޗުގައި ފުލުހަށް ވެސް ހުށަހެޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ