ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެސެޓް ޑެކްލަރޭޝަން ފޯމު ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
އެ ފޯމުގައިވާ ގޮތުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒަށް މުސާރައިގެ ގޮތުގައި 285,024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އޭގެ އިތުރުން ހުޅުމާލޭ ރޯހައުސް ކުއްޔަށް ދީގެން 240,000 ރުފިޔާ އަދި މ. ފިގުން އާއިލާގެ ފަރާތުން ހަދިޔާކުރި 180,000 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.
ރައީސްގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދަށް ފާއިތުވި ހަ މަސް ދުވަހު ތިން ގޮތަކުން އާމްދަނީ ލިބިވަޑައިގެންފައިވެއެވެ. އެއީ ގާނޫނު ނަންބަރު 2009/11 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާއަށް ލިބޭ އެލަވަންސްގެ ގޮތުގައި 199,999.98 ރުފިޔާ، ދިމްޔާތު ޕްރައިވެޓް ލިމިޓެޑް އިން މުސާރައިގެ ގޮތުގައި 78,000 ރުފިޔާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ކޮންސަލްޓަންޓްގެ މުސާރައިގެ ގޮތުގައި 4,927.32 ރުފިޔާއެވެ.
ރައީސް މުއިއްޒުގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތެރޭގައި މ. ދިމްޔާތު ބިން (ވާރުތަ މުދާ)، 5,919,500 ރުފިޔާގެ ހުޅުމާލޭ އެމްބަރ ޓެރަސް 2 ރޯހައުސް، ހއ. ވަށަފަރުގެ 150,000 ރުފިޔާގެ ބިމެއް، މ. ފިގުން ހިބައިން ލިބިފައިވާ ބައި، އަދި 260,000 ރުފިޔާގެ ކާރެއް ހިމެނެއެވެ.
ބޭންކުގައި ހުރި ފައިސާއަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސްގެ ކަރަންޓް އެކައުންޓުގައި 184,845.52 ރުފިޔާ، ބީއެމްއެލް ސޭވިންގްސް އެކައުންޓުގައި 1,701,470.44 ރުފިޔާ، އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސޭވިންގްސް އެކައުންޓުގައި 1,000 ރުފިޔާ ހުރި ކަމަށް އެ ފޯމުގައިވެއެވެ. ރައީސް މުއިއްޒުގެ ނަމުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް 1,319,265.13 ރުފިޔާގެ ދަރަންޏެއް އެބައޮތެވެ. އަނބިކަނބަލުންގެ ނަމުގައި އެއްވެސް ލޯނެއް ނުވަތަ ދަރަންޏެއް ނެތް ކަމަށް އެ ފޯމުން ދައްކައެވެ.
ރައީސްގެ މާލީ ބަޔާން: ބޭންކް އެކައުންޓުތަކުގައި ޖުމްލަ 1.9 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ