ރިޔާސީ ދައުރު ދެބައިވެފައި ވަނިކޮށް ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުަސައިން މުހައްމަދު ލަތީފުގެ މާލީ ބަޔާން މިއަދު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފި އެވެ.
މިއަދު އާންމުކުރި މާލީ ބަޔާނުގައި ހުރީ މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ލިބިފައިވާ އާމްދަނީގެ ތަފްސީލެވެ. އޭގެ ކުރިން ލިބިފައިވާ އާމްދަނީގެ ތަފްސީލު ހިމަނާފައެއް ނުވެ އެވެ.
މުއިއްޒުގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ ހަ މަސްދުވަހު މުސާރައިގެ ގޮތުގައި ލިބިފައިވަނީ 285,024ރ. އެވެ. އެމަނިކުފާނުގެ ބީއެމްއެލް ކަރަންޓު އެކައުންޓުގައި 184,845ރ. އާއި ސޭވިންގްސް އެކައުންޓުގައި 1,701,470ރ. އެބަހުއްޓެވެ. މުއިއްޒުގެ އިސްލާމިކް ބޭންކު އެކައުންޓުގައި ރައްކާކޮށްފައި ހުރީ 1،000ރ. އެވެ.
މުއިއްޒުގެ މިލްކިއްޔާތުގައި މ. ދިމްޔާތުގެ އިތުރުން 5.9 މިލިއަން ރުފިޔާގެ ރޯ ހައުސްއަކާއި، ހއ. ވަށަފަރުގައި އޮންނަ 150،000ރ. ގެ ބިމަކާއި މ. ފިގްއިން ހިބައިން ލިބިފައިވާ ބަޔަކާއި 260،000ރ. ގެ ކާރެއް އެބައޮތެވެ.
ހުޅުމާލޭގެ ރޯހައުސްއިން މިދިޔަ ހަ މަސްދުވަހު ކުލީގެ ގޮތުގައި މުއިއްޒުއަށް 240,000ރ. ލިބުނުއިރު މ. ފިގްއިން ކުލީގެ ގޮތުގައި 180,000ރ. އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އެހެންކަމުން އެމަނިކުފާނަށް މިދިޔަ ހަ މަސްދުވަހު ޖުމުލަ އާމްދަނީ 705،000ރ. ލިބިފައިވެ އެވެ.
މޯލްޑިވްސް ފައިނޭންސް ލީސިން ކޯޕަރޭޝަން (އެމްއެފްއެލްސީ) އިން ނަގާފައިވާ ލޯނަކަށް މުއިއްޒު ދައްކަވަން ޖެހޭ 1,319,265ރ. އެބަހުއްޓެވެ.
މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މިދިޔަ ހަ މަސްދުވަހު އާމްދަނީގެ ގޮތުގައި 282،926ރ. ލިބިފައިވެ އެވެ. އެއީ ރައީސްގެ އަނބިމީހާއަށް ލިބޭ އެލަވަންސްގެ ގޮތުގައި 199،999ރ. އާއި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި ލިބުނު 78،000ރ. އަދި ހެލްތު މިނިސްޓްރީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ލިބުނު 4،927ރ. އެވެ. ސާޖިދާއަކީ ރައީސްކަން ކުރެއްވި ބޭފުޅުންގެ އަނބިކަނބަލުންގެ ތެރެއިން ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ ރަސްމީ ވަޒީފާއެއް އަދާކުރައްވާ ހަމައެކަނި ބޭފުޅާ އެވެ.
ނައިބު ރައީސްގެ މާލީ ބަޔާނުގައިވާ ގޮތުން އެމަނިކުފާނަށް މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި 314,664ރ. ލިބިފައިވެ އެވެ. ބީއެމްއެލް އެކައުންޓުގައި 8,390ރ. އަދި އިސްލާމިކް ބޭންކުގައި ހުރީ 39ރ. އެވެ. އިސްލާމިކް ބޭންކުގެ ޑޮލަރު އެކައުންޓުގައި 397 ޑޮލަރު އެބަހުއްޓެވެ.
ނައިބު ރައީސްގެ ނަން މަތީގައި ލޯނެއް ނުވަތަ ދަރަންޏެއް ނެތެވެ.
ސަރުކާރުގެ ކުރީކޮޅު ރައީސް އޮފީހުން ވަނީ ވެރިންގެ މާލީ ބަޔާންތައް ހާމަކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުން ކަމަށް ވިދާޅުވެފަ އެވެ. ވެރިކަމުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހެން ވިދާޅުވީ އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެވެ.
ނަމަވެސް، އެ ބަޔާންތައް ހާމަކޮށްފައި މިވަނީ ވެރިކަމުގެ ދައުރު ދެބައިވީ ފަހުން މިއަދު އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނާއި, ނައިބު ރައީސް ފައިސަލް ނަސީމާއި, ވަޒީރުންނާއި, ރައީސް އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރީ ވެރިކަމަށް 55 ވަނައަށް ވީ ދުވަހު ޖެނުއަރީ 10, 2019 ގަ އެވެ. އެ އޮފީހުގެ ރެކޯޑުތަކުން މި ބަޔާންތައް އެ ދުވަހު ހާމަކޮށްފައި ހުރިކަން އެނގެ އެވެ.
އޭގެ މަސްތަކަކަށް ފަހު, އެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންގެ މާލީ ބަޔާންތައް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި އެވެ. އަދި, އަހަރަކު އެއްފަހަރު މާލީ ބަޔާންތައް އާންމުކުރި އެވެ.
ރިޔާސީ ދައުރު ދެބައިވީފަހުން މުއިއްޒުގެ މާލީ ބަޔާން އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ