އެލްޖީއޭގެ ދަށުން އަތޮޅު އޮފީސްތައް ހިންގުން ގާނޫނުއަސާސީއާއި ހިލާފު؛ ދައުވާއުފުލަންޖެހޭ: ހުސްނުއްސުއޫދު

ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން އަތޮޅު އޮފީސްތައް ހިންގުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސޫދު މިހެން ވިދާޅުވީ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން ފާޅުކުރެއްވި ކަންބޮޑުވުންތަކުގައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސޫދު ވިދާޅުވީ، ގާނޫނުއަސާސީގެ 8 ވަނަ ބާބާ ގަސްތުގައި ޚިލާފުވެފައިވާ ކަމަށެވެ. ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާއެއް ހިންގަންޖެހޭނީ އެ އަތޮޅެއްގެ ރައްޔިތުން އިންތިޚާބު ކުރާ މެންބަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ”ގާނޫނުއަސާސީއާ ޚިލާފުވީ މީހުންގެ މައްޗަށް ދައުވާކުރަންޖެހޭ“ކަމަށްވެސް ސޫދު ވަނީ ގޮވާލާފައެވެ.
ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތުން، ކައުންސިލުތަކުގެ އާ ދައުރު ފެށުމާއެކު އަތޮޅުތަކުގެ ހިންގުން އެލްޖީއޭއަށް ހަވާލުވާނެއެވެ. އާ ދައުރެއްގެ މެމްބަރުން އިއްޔެ ހުވާ ކުރުމާ އެކު، މީގެ ކުރިން އޮތް އަތޮޅު ކައުންސިލްތައް މިހާރު ވަނީ އުވިފައެވެ. މި ބަދަލާއެކު އެލްޖީއޭގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިދާރީ ދާއިރާ ނުވަތަ އަތޮޅުތައް ހިންގުމުގެ ކަންކަން ވަނީ ހިމަނާފައެވެ.
މި ނިންމުމާ އެއްގޮތަށް، ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އަތޮޅު އޮފީހެއް ގާއިމްކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އަންގަވާފައެވެ. ރައީސްގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އައިޝަތު އިކުރާމް ސޮއިކުރައްވައި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލަށް ފޮނުއްވި ސިޓީގައިވާ ގޮތުން، އަތޮޅު އޮފީސްތަކުގައި މަސައްކަތްކުރަމުންދިޔަ ހުރިހާ މުވައްޒަފުން ދެން ބަދަލުވާނީ އެލްޖީއޭގެ މުވައްޒަފުންނަށެވެ.
ސަރުކާރުގެ މި ނިންމުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނި ނަމަވެސް، ގާނޫނީ މާހިރުން ދަނީ މިއީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ބާރުތަކެއް އަތުލުން ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ