ހައްޖުވިސާގެ މުއްދަތު ހަމަވުމުން މަޑުކުރާ މީހުނަށް ހަރުކަށި ފިޔަވަޅުއަޅާނީ

ހައްޖު ވިސާގެ މުއްދަތު ހަމަވުމަށްފަހު ސައުދީ އަރަބިއްޔާގައި މަޑުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ގައުމުން ދީފިއެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއަރ އިން ހާމަކުރެއްވި ގޮތުގައި، ވިސާގެ މުއްދަތު ހަމަވުމަށްފަހު އެ ގައުމުގައި ގަވާއިދާ ހިލާފަށް މަޑުކުރާ ބިދޭސީން 50,000 ސައުދީ ރިޔާލައިން ޖޫރިމަނާކުރުމާއެކު، ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ގައުމުން ޑިޕޯޓްކޮށްލެވޭނެއެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހައްޖު މޫސުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ކަމާބެހޭ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ގޮތުން ދެވެން އޮންނަ ހަރުކަށި އަދަބުތައް ދެވޭނެކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން، އެއްވެސް ފަރާތަކުން މިފަދަ ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ފާހަގަކުރެވިއްޖެނަމަ، މައްކާ، މަދީނާ، ރިޔާދު އަދި އިރުމަތީ ސަރަހައްދުތަކުން 911 އަށް، އަދި އެ ގައުމުގެ އެހެނިހެން ސަރަހައްދުތަކުން 999 އަށް ގުޅައި އެކަން ރިޕޯޓްކުރުމަށްވެސް އާންމުންގެ ކިބައިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ