ރާޅާ އެޅުމަށް ސަފާރީއަކުން މޫދަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:57 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެނބިގެން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިއަދު ސްޕޭންގެ ފަތުރުވެރިޔަކު ނިޔާވިއިރު މިދިޔަ ބުރާސްފަތި ދުވަހު ވ.އަތޮޅަށް ޑައިވިނަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިޔަކު ވެސް ވަނީ ނިޔާވެފައެވެ. އަދި އިޓަލީގެ ޑައިވަރުން ހޯދަން ފީނި ސިފައިންގެ ޑައިވަރަކު ހޮނިހިރު ދުވަހު ވަނީ ނިޔާވެފައެވެ. އެހެންކަމުން މިއަދު ނިޔާވި ސްޕޭން މީހާއިއެކު ރާއްޖޭގެ ކަނޑުމަތީ ހާދިސާތަކުގައި ފަސް ދުވަސް ތެރޭގައި މިވަނީ ހަތް މީހުން ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ