ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖެއިން އޮސްޓްރޭލިއާއަށް ކުރާ ސީދާ ދަތުރުތައް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް އޮސްޓްރޭލިއާއަށް ސީދާ ވައިގެ ދަތުރެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެކުރިން ދެ ގައުމުގެ ދެމެދުގައި ދަތުރުކުރަނީ އެހެން ގައުމުތަކުގައި ޓްރާންސިޓް ކުރުމަށްފަހުއެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި މި ތާރީހީ އޮޕަރޭޝަން ފެށުމަށްޓަކައި، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު ކަމަށްވާ އެއާބަސް އޭ330 ރޭ ވަނީ މާލެއިން މެލްބަންއަށް ދިއުމަށް ފުރާފައެވެ. މިއީ ގާތްގަނޑަކަށް 10 އާއި 11 ގަޑިއިރާ ދެމެދުގެ ދިގު ދަތުރެކެވެ. މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ”މިއީ އާ މަންޒިލަކަށް ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެ ފަދަ ދަތުރުތަކަކަށް ހުޅުވިގެންދިޔަ ދޮރެއް“ ކަމަށާއި، މިއީ މުޅި ރާއްޖެއަށް ލިބުނު ފަހުރަކާއި ޝަރަފެއް ކަމަށެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ޓްރެވަލް ކޮމްޕެނީ ”ލަގްޒަރީ އެސްކޭޕް“ އާ ގުޅިގެން މޯލްޑިވިއަނުން ވަނީ ކޮންމެ ހަފުތާއަކު މެލްބަންއަށް ޝެޑިއުލް އެއް ދަތުރު ބޭއްވުމަށް ނިންމާފައެވެ. މި ދަތުރުތަކަށް މަގުފަހިވީ މިދިޔަ މާޗު މަހު ދެ ގައުމުގެ އަރޮނޮޓިކަލް އޮތޯރިޓީތަކުން ސޮއިކުރި ”ބައިލެޓްރަލް އެއާ ސާވިސަސް އެގްރީމަންޓް“ އެއްބަސްވުމުގެ ސަބަބުންނެވެ.
މޯލްޑިވިއަންގެ އޭ330 ބޯޓަކީ މިހާރު ވެސް ޗައިނާގެ އެކި ސިޓީތަކަށާއި ބަންގްލަދޭޝްގެ ޑާކާއަށް ކޮންމެ ހަފުތާއަކު ދަތުރުތައް ކުރާ ބޯޓެކެވެ. އަދި ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް ތައިލެންޑަށް ދަތުރުތައް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެ ކުންފުނިން މީގެ ކުރިން ލަންކާ، މެލޭޝިއާ އަދި ސައުދީ އަރަބިއްޔާއަށް ވެސް ހާއްސަ ދަތުރުތައް ބާއްވާފައިވެއެވެ.
އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ މޯލްޑިވިއަންގެ ދަތުރުތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ