ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް އެކުގައި ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ކުރީގެ ތިން ރައީސުން ކަނޑައެޅުއްވި މަންދޫބުން ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ތިން ރައީސުންގެ މަންދޫބުން ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ތިން ރައީސުންގެ ކަންބޮޑުވުންތަކާ އެކު ގޮވާލެއްވި ގޮވާލުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދު ވަނީ މަޝްވަރާ ކުރެވިފައި ކަމަށެވެ. އަދި މި މައްސަލަތައް އެ ބޭފުޅަކު ނިސްބަތްވާ ޕާޓީތަކަށް ގެންގޮސްގެން މަސައްކަތް ކުރައްވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހަރަކާތްތައް ރާވާނެ ގޮތް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފ”އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އުއްމީދު ވަރަށް ބޮޑު، މިހާރު މިދާ ދިމާލުން ރަނގަޅު ކުރުމަށް ރަނގަޅޫ މަސައްކަތެއް އިދިކޮޅު ފަރާތްތައް އެކުގައި ކުރެވޭނެ ކަމާ ދޭތެރޭ“
މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރޭވުމެވެ.
މި މަސައްކަތްތައް ރޭވުމަށް އެކުލަވައިލި ކޮމެޓީގައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މެންބަރުން ތިއްބަވައެވެ. އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ފައްޔާޒް އިސްމާއީލެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ތިއްބަވަނީ ޕީއެންއެފްގެ ސެކެރަޓަރީ ޖެނަރަލް މުހައްމަދު މަލީޙް ޖަމާލް އާއި އިސްމާއީލް ޒަރިޔަންދެވެ. އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވަނީ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި އަހުމަދު ސަލީމް (ސައްލެ) އެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރައްވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ބައްދަލުވުމުގައި އެކުލަވައިލި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ، ގައުމުގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުން މިވަގުތަށް މަޖުބޫރުވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަކުރެވެއެވެ.
ރަނގަޅު މަސައްކަތްތަކެއް އެކުގައި ކުރެވޭނެ ކަމުގެ އުންމީދު ބޮޑު: 3 ރައީސުންގެ މަންދޫބުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ