ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދިވެހި ޒުވާނުންނަށް އެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެ: ހަސަން ރަޝީދު

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދިވެހި ޒުވާނުންނަށް އެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ޒުވާނުން ހަރުދަނާ، ޒިންމާދާރު އަދި ވަޠަނީ ބަޔަކަށް ބިނާކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ”ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް“ ގެ ދެވަނަ ބެޗުގެ ދަރިވަރުން އިއްޔެ ވަނީ ރަސްމީކޮށް ދަސްވެނިވެފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިޚްލާސްތެރި ތަޞައްވުރެއްގެ ދަށުން 2024 ވަނަ އަހަރު އިއުލާންކުރެއްވި ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީނުވެ، ގައުމީ ހިދުމަތަށް ނުކުމެފައިވާއިރު، މިއަދު ދަސްވެނިވި ދެވަނަ ބެޗުގެ ކުދިންގެ ކިބައިން ވެސް ފެންނަނީ ރައީސްގެ ބަސްފުޅުގެ އިޚްލާސްތެރިކަމާއި މި ޕްރޮގްރާމުގެ ކާމިޔާބީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދިވެހި ޒުވާނުންނަށް އެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ތަމްރީނު ތާވަލާ އެއްގޮތަށް، 350 ދަރިވަރުންގެ އިތުރު ދެ ބެޗެއް މިއަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ވަޒީރު އިއުލާނު ކުރެއްވިއެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ދީނީ ގޮތުންނާއި، އިލްމީ ގޮތުން އަދި ޖިސްމާނީ ގޮތުން ބޭނުންވާނެ ތަފާތު ގިނަ ހުނަރުތަކެއް ދަސްކޮށްދެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ތަމްރީނުތަކުގެ އިތުރުން، އާންމު ދިރިއުޅުމުގައާއި ގޭތެރޭގެ ޒިންމާތައް އުފުލުމަށް އެނގެންޖެހޭ މުހިންމު ހުނަރުތައް ހިމެނެއެވެ. މިއީ އާންމު ދިރިއުޅުމުގައި ކޮންމެ ޒުވާނަކަށް ވެސް ކޮންމެހެން ބޭނުންތެރި ސިފަތަކެކެވެ.
ދަސްވެނިވި ދަރިވަރުންނާ މުޚާތަބުކުރައްވައި ވަޒީރު އިތުރަށް ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި އެންމެންގެ ދިރިއުޅުމުގެ ހާލަތު އެއްގޮތް ނުވި ނަމަވެސް، އެކުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުން މުހިންމު ކަމަށެވެ. އަދި ބެލެނިވެރިން ކުރާ އުންމީދުތަކުގެ މަތީގައި ސާބިތުވެ ތިބުމަށާއި، މި ޕްރޮގްރާމުން ލިބުނު އަގުހުރި ތަމްރީނުގެ ބޭނުން ހިފައި، މުޖުތަމައުގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަނުދީ ދުރުހެލިވުމަށް ވަޒީރު ގޮވާލެއްވިއެވެ.
 ރަސްމިއްޔާތު ނިންމަވާލެއްވުމުގެ ކުރިން، ވަޒީރު ވަނީ ވ. އަތޮޅުގައި ރެސްކިއު އޮޕަރޭޝަނެއްގައި އުޅެނިކޮށް އިއްޔެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ގައުމީ ހިދުމަތުގެ ހަނދާން އައުކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ކޮންމެ ސިފައިންގެ މީހަކީ ވެސް ގައުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއަކަށް ތައްޔާރަށް ހުރި ބައެއް ކަމަށާއި، މަހުދީއަކީ މުޅި ގައުމު ފަޚުރުވެރިވާފަދަ ނަމޫނާ ބަތަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ