ދިވެހިރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދުއާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި މި ސަރުކާރުން ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެެދުވުމަށް ފަށާ މަސައްކަތްތަކުގައި ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ތިން ރައީސުންގެ މަންދޫބުން ވިދާޅުވެއްޖެ އެވެ.
މިއަދު 11:30 ގައި ތިން ރައީސުންގެ މަންދޫބުންގެ ބައްދަލުވުމެއް މާލޭގައި ހުންނަ މެންހެޓަން ބިޒްނަސް ހޮޓަލުގައި ބޭއްވި އެވެ. އެއަށް ފަހު ނޫސްވެރިންނަށް ދެއްވި ކުރު އިންޓަވިއުއެއްގައި އެ ކޮމިޓީގައި ނަޝީދު ތަމްސީލު ކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އެ މައްސަލަތައް ޕާޓީތަކާ ހަމައަށް ރައީސުން ގެންދަވާނެކަން ހާމަކުރައްވާފަ އެވެ.
"އަޅުގަނޑުމެންގެ ޕާޓީތަކަށް މި މައްސަލަތައް ގެންގޮސްގެން ޕާޓީތަކުން، އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދެކެވިގެން ކުރިއަށްދާނެ ގޮތްތަކެއް [ހޯދާނީ]،" ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދާއި ސޯލިހު ނިސްބަތްވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. ޔާމީން ނިސްބަތްވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށެވެ. ތިން ރައީސުން ހުށަހެޅި ކަންކަން ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް އަދި ޕީއެންއެފްގެ ސެނެޓުގެ ރުހުން ހޯދާނެ ކަމަށް ބެލެވެ އެވެ.
"އަޅުގަނޑުމެންގެ އުންމީދު ވަރަށް ބޮޑު މިހާރު މިދާ ދިމާލުން ރަނގަޅު ކުރުމަށް، ރަނގަޅު މަސައްކަތްތަކެއް އަޅުގަނޑުމެން އިދިކޮޅު ފަރާތްތައް އެއްކޮށް ކުރެވޭނެ ކަމަށް،" މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާތަކަށް އިތުރު އަޕްޑޭޓުތައް އަރުވާނެ ކަމަށް މަންދޫބުންގެ ފަރާތުން މިއަދު ހާމަކުރެއްވި އެވެ.
ފައްޔާޒުގެ އިތުރުން އެ ކޮމިޓީގައި ނަޝީދު ތަމްސީލު ކުރައްވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެވެ. ސޯލިހުގެ ފަރާތުން ބައިވެރިވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޔާމީންގެ ފަރާތުން ބައިވެރިވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު އެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިން ރައީސުން ވަނީ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ނިންމާފަ އެވެ. ނަމަވެސް އެއީ ރިޔާސީ އިންތިހާބަށް ދިޔުމުގެ ކޯލިޝަނެއް ނޫންކަން ތިން ރައީސުން ވެސް ފާހަގަކުރެއްވި އެވެ.
ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ތިން ރައީސުން އެ ރޭ ގޮވާލެއްވި އެވެ.
ތިން ރައީސުން އެކުގައި ނެރުއްވި ބަޔާނެއްގައި ވަނީ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. މި ބައްދަލުވުމަށްފަހު ތިން ރައީސުން ވަނީ ގައުމުގެ އިސްލާހީ މަސައްކަތުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ގައުމު އަލުން ހަމަމަގަށް އެޅުވުމަށްޓަކައި ހުރިހާ ސިޔާސީ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ތިން ރައީސުން އެރޭ އެއްބަސްވެވަޑައިގެންނެވި އެވެ.
ތިން ރައީސުންގެ މަންދޫބުންގެ ބައްދަލުވުން: "ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ