ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ދުރުކުރުމަށް މަސައްކަތް ކުރަނީ ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރައްވާތީ ކަމަށާއި އެ މަސައްކަތުގައި ނާޒިމްއާ އެކު ޕީއެންސީގެ 23 މެންބަރަކު ތިއްބެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނަޝީދު މިގޮތަށް ވިދާޅުވީ، މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެމަނިކުފާނުގެ ޗެއާޕާސަންގެ ކެމްޕެއިން ޖަލްސާގައި ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވަމުންނެވެ.
ތަފްސީލު - މިދިޔަ ހަފްތާގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ނިންމައިފަ އެވެ. އެ ނިންމުމާ އެގޮތަށް މިހާރު އެ މައްސަލަ ވަނީ ވައްދައިފަ އެވެ. އަދި ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި ބާއްވާ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ އެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ނާޒިމްގެ މައްޗަށް ރައީސް މުއިއްޒު އާއި ޕީއެންސީގެ އޮތް އިތުބާރު އެ ދަރަޖައަށް ވެއްޓެން މެދުވެރިވި ސަބަބެއް އެބޭފުޅުން އަދި ވިދާޅު ނުވާ ކަމަށެވެ.
"މަޖިލިސް ނައިބު ރައީސް ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅުއްވައިފި. އަޅުގަނޑުމެން ކައިރީ އަދި ވިދާޅެއް ނުވޭ ނާޒިމްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އާއި އެ ބޭފުޅާގެ ޕާޓީގެ އިތުބާރު މި ދަރަޖައަކަށް ގެއްލިގެން މިއުޅޭ ސަބަބެއް. އަޅުގަނޑަށް އެނގޭ އެއީ [ޕީއެންސީގެ] 23 ރައްޔިތުންގެ މަޖިލިސް މެންބަރުން ރޮނގު ހުރަސް ކުރާތީ،" ނަޝީދު ވިދާޅުވި އެވެ.
"އާދެ، ނާޒިމްއާ އެކު ރޮނގު ހުރަސް ކުރާތީ. ޕާޓީ ބަދަލު ކުރަން އުޅޭތީ. ރައިސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީ،" ނަޝީދު ވިދާޅުވި އެވެ.
އެއާއެކު ނަޝީދު ވިދާޅުވީ ރައީސް "މުއިއްޒުގެ ގޮތެއް ނެތް" ކަމަށެވެ.
ނާޒިމްގެ އިތުބާރު ނެތް ކަމާ ގުޅޭ ވާހަކައަށް ފަހު ނަޝީދު ދެން ދެއްކެވީ 19 ވަނަ މަޖިލީހުގައި މަޖިލީހުގެ ރައީސްކަމުގައި ހުންނެވިއިރު އޭރު ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަދި މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެމަނިކުފާނާ ދެއްކެވި ކަމަށް ވިދާޅުވާ ވާހަކައެކެވެ.
"އަޅުގަނޑު މަޖިލިސް ރައީސް ކަމުގައި އިންދާ ގައްސާން މައުމޫން ނިންމެވީ ޕީއެންސީގެ [ރިޔާސީ] ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާ ޑރ. މުއިއްޒަށް ތައީދު ކުރެއްވުމަށް. އަޅުގަނޑު ކައިރީގައި އެއްސެވީމާ ދެންނެވިން، ނަމަނަމަ ކޮއިފުޅާއޭ އަތް ނުލައްޗޭ ފާރުގައި، ހަމަ ނިކަން ތަދުވާ ގޮތަށް ކަށި ޖަހާފާނޭ ބިޗޫ،" އޭރު ޕީޕީއެމްގެ ނައިބު ރައީސްއެއްގެ ގޮތުގައި ހުންނެވި އަދި ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އޮތް ކަމަށް އިޝާރާތް ކުރައްވައި ދެކެވުނު ކަމަށް ބުނާ ވާހަކައާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގައްސާން ނިސްބަތްވެވަޑައިގެންނެވި ޕީޕީއެމް ވެސް ރައީސް މުއިއްޒު އުވާލެއްވީ ކަމަށެވެ. އަދި ގައްސާން ޑިފެންސް މިނިސްޓަރުކަމުން ވެސް ވަކިކުރެއްވިކަން ފާހަގަ ކުރެއްވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެމަނިކުފާނު ބާކީ ކުރެއްވި ކަމަށެވެ.
"ދިވެހިންނެއް ބަލައެއް ނުގަންނާނެ ބޭވަފާތެރިކަމެއް. ރައީސް މުއިއްޒުއަކީ ބޭފަރާތެރި ބޭފުޅެއް. ހަމައެކަނި އަނބިކަނބަލުންނަށް އެކަންޏެއް ނޫން، އެކުވެރި ސިޔާސީ ލީޑަރުންނަށް ބޭވަފާތެރި ބޭފުޅެއް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ވެރިކަން ބަދަލު ކުރައްވާނެ ކަމުގެ އިންޒާރު މިރޭ ވެސް ނަޝީދު ދެއްވި އެވެ.
ނަޝީދުގެ ވާހަކަ ނިންމާލެއްވީ ރައީސް މުއިއްޒަށް ރައްދު ކުރެއްވި ޅެންބައިތެއްގެ ޝަރަހައަކުންނެވެ. އެގޮތުން ވިދާޅުވީ:
ޖޫން ޖުލައި ގަދަ ކުރިމަތިވަނީއޭ، ދުއްވާނު އޮނޑި މަޑުކޮށްނުލައްވައްޗޭ، ހުންގާނު ތިޔަ ހުރީ މޮޅު ލަކުނޑިއަކުންހޭ، ކޮޅުވަތުގައި ހުރި ގޮތް ރަނގަޅަށް ބަލާށޭ،"
"ކޮޅުވަތުގައި ހުރި ގޮތްވެސް އަޅުގަނޑުމެންނަށް އެނގޭ. މިސްރާބު ހިފަންވީ ގޮތްވެސް އަޅުގަނޑޫމެންނަށް އެނގޭނެ. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އެމްޑީޕީން ނުކުމެ ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކޮށް، މި ޕާޓީ އަލުން އަނބުރާ ވެރިކަމާ ހަވާލުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނާޒިމް ވަކިކުރުމަށް ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ.
އެ ގަރާރުގައި ބުނީ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ:
އެ މަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރަތާކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާތީ
މަޖިލީހުގެ އެންެމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާން އެނގެން އޮތުމުން
އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާކަން ސާފުވާތީ
ގާނޫނުއަސާސީން މެމްބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ހުރަހަކަށް ވެފައިވާތީ
އެ ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ. ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕީޖީން ނިންމުމުގެ ކުރިން، ހަމަ އެ ދުވަހު ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު މެންބަރުންނާ ވާހަކަފުޅު ދެއްކެވުމަށް ހަދާފައި އޮންނަ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައްވައިފަ އެވެ. އެ ގްރޫޕުގެ ހަމައެކަނި އެޑްމިންއަކީ ރައީސް އެވެ.
ނާޒިމްއަކީ ރައީސް މުއިއްޒުގެ މަންމާފުޅުގެ ފަރާތުން މުއިއްޒުއާ ދެބެންގެ ދެދަރި ބޭފުޅެކެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، މި މަހު 15އަށް ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ވަނީ ދިގު ދަންމާލައިފަ އެވެ. ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި މި މައްސަލައިގައި ޖަލްސާއެއް ބާއްވައި ގޮތެއް ނިންމާނެ އެވެ.
ނާޒިމް ދުރުކުރަނީ ރައީސް ވަކިކޮށްފާނެތީ؛ ޕީއެންސީގެ 23 މެންބަރަކު ނާޒިމާ އެކު އެބަތިބި: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ