ގާސިމް ވިދާޅުވަނީ އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށާއި މިހާރު ހުރި ޓެކްސްތައް ހާމަނައިޒް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ސަންގު ޓިވީގެ "ރިޔާސީ ބަހުސް" ގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު މަސައްކަތްތައް ކުރެއްވުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ. އަދި ވަރަށް ބޮޑެތި ދަރަނިތައް އެބަ ހުރި ކަމަށާއި، 2026 ގައި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަން އެނގިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އޭގެ 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ހޯދާނަން. އަޅުގަނޑަށް އެކަން ޔަގީން ކުރެވޭ. އޭގެ އިތުރަށް ތަފާތު ރޮގުތަކުން މިހާރު ހުރި ޓެކްސްގެ ނިޒާމް އަޅުގަނޑު ބަދަލު ކުރާނަން. އެއް އުސޫލެއްގެ ތެރެއިން ފައްތައިގެން އެކަން ކުރިއަށް ގެންދާނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޓެކްސްގެ ދާއިރާގެ ކަންކަން ހާމަނައިޒް ކުރައްވާނެ ކަމަށެވެ. އިމްޕޯޓް ޑިއުޓީން ކަންތައްތައް ހާމަނައިޒްކޮށްގެން އޭގެން ލިބޭ އާމްދަނީ އާ އެކީގައި ވެފައިވާ ވައުދުތަކާއި އެއްގޮތަށް އާމްދަނީ އިތުރު ކުރެވޭނެ މަގު ފަހި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ވަރަށް ސާފު،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިހާރުގެ ސަރުކާރުން ވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ކުޑަ ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ