ވެރިކަމަކީ އިއްޒަތެއް ޝަރަފެއް ނޫން، ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް: ޑރ. މުއިއްޒު

ވެރިކަމަކީ ރައްޔިތުން ދޭ އިއްޒަތަކާއި ޝަރަފެއް ނޫން ކަމަށާއި އެއީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރ. ހުޅުދުއްފާރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ވެރިކަމަކީ ޝަރަފެއްގެ ގޮތުގައި ދެކޭނަމަ އެކަމުން ކުރާނެ މަންފާއެއް ނޯންނާނެކަމަށާއި ވެރިކަން ހަވާލު ކުރަނީ ރައްޔިތުން ކަމަށްވާއިރު، އަބަދުވެސް ރައްޔިތުން އިސްކޮށްގެން ރައްޔިތުންގެ މަސްއޫލިއްޔަތު އަދާކުރުމަކީ އެންމެ ފުރަތަމަ ވާޖިބަށް ހަދަން ޖެހޭކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ތައީދާއިއެކު ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އެއީ ޝަރަފެއްކަމަށް ދެކި ރައްޔިތުންނަށް ވެވަޑައި ގަންނަވާ ވައުދުތަކާއި ހަވާލު ކުރާ އަމާނާތްތަކަށް ޚިޔާނާތްތެރި ނުވާނެކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި މުއިއްޒު ވިދާޅުވީ މަސައްކަތް ކުރައްވާނީ ވަރަށް އަމާނާތްތެރި ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ.
އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު ވިސްނުން ސިޔާސީ ޕާޓީތަކުން ބޭރަށް ގެންދަން ޖެހޭކަން ފާހަގަ ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ މިހާރުގެ ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ހުރިހާ ރައްޔިތުންވެސް ވިސްނަވަން ވެއްޖެކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން މިހާރު ހުރި ގޮތަށް ބަލާއިރު، މި ސަރުކާރަށް އަމިއްލަ ބަސް ނުބުނެވޭ ކަމަށާއި އަދި ސަރުކާރުން ކޮންމެ ކަމެއް ކުރަންވެސް ހުއްދަ ނަގަން ޖެހޭ ކަމަށްވާއިރު ސަރުކާރުގައި ސިޔާސީ މިނިވަން ކަމެއް ނެތް ކަަމަށެވެ.
މިކަންކަމަކީ ސީދާ ސަރުކާރުން ނިންމައިގެން އުޅޭ ގޮތެއްކަމަށާއި ސަރުކާރުގެ ސިޔާސަތު ބައްޓަންކުރެވިފައިވާ ގޮތުން މިކަންކަމަށާއި މީގެ 50 ހަކަށް އަހަރު ކުރިން ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ މިނިވަންކަން އެގޮތުގައި ދެމި އޮތްކަމަށާއި އެކަން ބަދަލުވީ މިސަރުކާރު އައި ފަހުންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"މީގެ މާ ކުރީ ޒަމާނުން ފެށިގެން، އަދި މިތަނަށް މި ފަހުން މިއައި ޑީމޮކްރެސީގެ ބަދަލުތައް އައުމުގެ މާކުރިން ފެށިގެން، 40، 50 އަހަރު ކުރިން ފެށިގެން މިނިވަންކަން ލިބުނީއްސުރެ މިނިވަންކޮށް މިއޮތީ، އަމިއްލަ ބާރު ހިނގާ ޚާރިޖީ ސިޔާސަތުގައި މިތާ، ކޮންމެ ވެރިކަމެއްގައިވެސް، ވަކި ޤައުމެއްގައި އޮންނަ ވަކި ސަރުކާރެއްގެ ދަށު ނުވޭ ސަރުކާރެއް މިހާތަނަށް މިސަރުކާރު އަންނަންދެކާ" މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ކަންކަން މިހާ ހިސާބަށް ގޮސްފައިވާއިރު އެކަން ބަދަލުކުރުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް މި މަހުގެ 30 ވަނަ ދުވަހު ލިބެން އޮތްކަން ފާހަގަކުރައްވައި މުއިއްޒު އެދިވަޑައިގަތީ ޤައުމު މިނިވަންކަމަށް އަނބުރާ ގެނައުމަށް ހުރިހާ ރައްޔިތުން ނިކުމެ އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ