ކުރިއަށް މި ދަނީ ވިސްނުންތެރިކަމާ އެކު؛ އިންތިހާބު ކާމިޔާބު ކުރާނަން: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ސިޔާސީ ގޮތުން އޭނާ ކުރިއަށް ވަޑައިގަންނަވަނީ ވިސްނުންތެރިކަމާ އެކު ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް މި ގޮތަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީން މިއަދު އާންމުކުރި ވީޑިއޯ މެސެޖެއްގަ އެވެެ. 
ބުނީ ކީކޭ؟ - އެ ވީޑީއޯ މެސެޖްގައި، ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން އަދި މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު، އޭގެ މާ ކުރިން އެކަމާ ތެޅިގަނެގެން ކަންކަން ކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވަ އެވެ. ނަމަވެސް، އޭނާގެ ޕާޓީން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ކެންޑިޑެސީ ލީމަ، ބަލައިގަންނަ ކަމެއް، ނުގަންނަ ކަމެއް ވެސް އެނގޭނީ ލީމާ. އެހެންވީމާ، އޭގެ މާ ކުރީގައި، ކޮންމެހެން މާ ބާރަށް ތެޅެން ނޫޅެވިފައި މި ހުންނަނީ. އެއީ، ކޮންމެހެން ޔަގީންކަން ނެތީމާއެއް ނޫން، ޔަގީންކަން އެބައޮތް،" ޕާޓީން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުން ނުފެންނާތީ ފާޑުކިޔުން އަމާޒުވެފައިވާ ގާސިމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް، އަދި ކަންތައްތައް ހުރި ގޮތުން މިހާރު މަޑުކޮށްލައިގެން މި ހުރީ. އަޅުގަނޑުގެ އަމިއްލަ ނަފްސުން އެކަން ނުކުރިއަސް އަޅުގަނޑުގެ ޕާޓީން އެކަން ކުރަމުން އެބަގެންދޭ. އަޅުގަނޑުމެން އުތުރަށާއި ދެކުނަށް ކަނޑައަޅާފައި ހުރި ދެ ކެމްޕޭން މެނޭޖަރުން އެކަންތައް އެބަ ކުރައްވާ. ދެން އެކި މީހުންނަށް ކުރެވޭނީ އެކި ވަރުންތާ ދެއްތޯ."
ގާސިމް ވިދާޅުވި ގޮތުގައި، ސިޔާސީ ކަންކަމުގައި ފުރަތަމަ ކަންކަން ކުރުމަކީ އެންމެ މޮޅު ގޮތެއް ނޫޫނެވެ.
"ވިސްނުންތެރިކަމާ އެކު ކަމެއް ކުރީމާކަން މޮޅު ކަމަކަށް މި ވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އިންތިހާބުގައި އަޅުގަނޑުމެން ކާމިޔާބުކުރާނަން. އެއްވެސް ޝައްކެއް ނެތް އަޅުގަނޑަކަށް،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ގާސިމްގެ ވިޔާފާރި ކުންފުނި، ވިލާއަށް ސަރުކާރުން ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުއްޓުވުމަށް ފަހު، ކުއްލި ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ އެންގުން ބާތިލުކޮށްފަ އެވެ.  
ގާސިމް ރިޔާސީ ކެމްޕޭނަށް ފައިސާ ހޯއްދަވަން ވިއްކާލަން އުޅުއްވި ކަމަށް ބުނާ އެ ފަޅުގެ މުއާމަލާތް އޭސީސީން ހުއްޓުވީ މިދިޔަ މަހުގެ ކުރީ ކޮޅުގަ އެވެ. އެގޮތުން:
އެ ފަޅު ވިއްކުން އެ ކޮމިޝަނުން ހުއްޓުވީ، އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން 
 އެއީ، ގާސިމް ރިޔާސީ ރޭހަށް ނުކުންނެވުމާ ގުޅިގެން، ސަރުކާރުގެ ނުފޫޒުން ކުރި ކަމެއް ކަމަށް ގާސިމް އާއި ޖުމްހޫރީ ޕާޓީން ވަނީ ތުހުމަތުކޮށްފައި 
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ގާސިމް ވަނީ އޭރު ފާޑުވިދާޅުވެފައި
ސަރުކާރުންނާއު ރައީސް ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައި
ފަސް މަންޒަރު - މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާއިރު، މިއީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ބައިވެރިވެވަޑައިގެންނެވި ދެ އިންތިހާބުގައި ވެސް ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ގާސިމަށް ވޯޓު ނުލިބެ އެވެ.
ނަމަވެސް، މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއް ވެސް ކާމިޔާބުކުރައްވައިގެން ވެރިކަމަށް ވަޑައިގެންފައި ވަނީ، ގާސިމް ތާއީދުކުރެއްވި އަދި ކޯލިޝަން ހެއްދެވި ކެންޑިޑޭޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ