ދޮންފަނު ބިން ހިއްކައި ހަނިފަރުން އެންމަޑިތައް ފައްސާލުމުން ލިބޭނެ ގެއްލުންތަކާ މެދު ކަންބޮޑުވުން ދޮންފަނު ބިން ހިއްކައި ހަނިފަރުން އެންމަޑިތައް ފައްސާލުމުން ލިބޭނެ ގެއްލުންތަކާ މެދު ކަންބޮޑުވުން

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާތީ 2011 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭ އާ އެންމެ ކައިރިން އޮންނަ ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ގުދުރަތީ ވެއްޓަށާއި ވަށައިގެންވާ ރަށްރަށުގެ އިގުތިސާދުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. މި މަހުގެ 13 ވަނަ ދުވަހު އެ މަޝްރޫއުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ދަތުރުގަ އެވެ.
"ބިމުގެ ޖާގަ ވަރަށް ދަތި. އެހެންވީމާ، މި މަޝްރޫއު އެކީގައި، ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން މި ހިއްކެނީ. 13 ހެކްޓަރުގެ ބިން އިތުރުވެގެންދިޔައީމަ، ތިޔަބޭފުޅުންގެ ބިމުގެ ދަތިކަމަށް، މި ރަށުގެ ފަޅުތެރެއިން ޙައްލު ގެނެވެން އޮތް އެންމެ ބޮޑަކަށް، ހައްލު އެ ގެނެވުނީ،" މުއިއްޒު ވިދާޅުވި އެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރަމުން އަންނަ އެންމެ ގިނަ ދުވަސްވީ އެއް ޖަމިއްޔާ ކަމަށްވާ އިކޯކެއާ މޯލްޑިވްސްގެ ޑިރެކްޓާ އޮފް އެޑްވޮކަސީ މައީދު ޒާހިރު ވިދާޅުވީ ކުރު މުއްދަތެއްގެ ފައިދާއަށްޓަކައި ދޮންފަނުން ބިން ހިއްކުމުން ދާއިމީ ގެއްލުންތަކެއް ލިބިގެންދާނެ ކަމެކެވެ.
"ހަނިފަރު ބޭ އަކީ ޔުނެސްކޯ ބަޔޮސްފިއާ ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކަށް ވާއިރު، މިއީ އެންމަޑި އާއި ފެހުރިހި އެއްވާ ތަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ސަރަހައްދެއް. ނަމަވެސް، އެންމެ ކިލޯމީޓަރެއްގެ ދުރުގައި އޮތް 398 މީހުންގެ ރަށެއްގެ ބިން ހިއްކުމަށް ޓަކައި 13 ހެކްޓަރުގެ ބިން ހިއްކަން ޕްލޭން ވަނީ ކޮށްފައި. އެ ކަމުގެ ސަބަބުން ފަތުރުވެރިކަމުގެ އާމްދަނީއަށް ލިބޭ އެތައް މިލިއަނެއް ގެއްލޭނެ،" މައީދު އެކްސްގައި ލިޔުއްވި އެވެ.
ހަނިފަރު ބޭ ބަލަހައްޓަނީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވުގެ އޮފީހުންނެވެ. މުއިއްޒު ދޮންފަނަށް ކުރެއްވި ދަތުރުގައި އެ ރަށުގެ ކައުންސިލުން ވަނީ ހަނިފަރު ބޭގެ ކަންކަން ކައުންސިލާ ހަވާލު ކުރުމަށް އެދިފަ އެވެ.
ރާއްޖޭގައި ފާހަގަކޮށްލެވޭ ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ހަސަން އިޝާން (ސީފްރޮމްދަސްކައި) ވެސް ވަނީ ބިން ހިއްކައިފިނަމަ ހަނިފަރަށް ޖަމާވާ އެންމަޑިތައް އެ ތަނަށް އައުން ހުއްޓިދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ އެ މަޝްރޫއުއާއެކު އެ ސަރަހައްދުގެ އޮއެވަރަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާތީ ކަމަށް އެކްސްގައި އޭނާ ލިޔުނެވެ.
މަޝްރޫއުތައް ހިންގުމަށް ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ހަދާ ރިޕޯޓު، އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުން އަވަސް ކުރަން އީޕީއޭ އުވާލައި މިނިސްޓްރީގެ ދަށަށް ކަންކަން ވަނީ ބަދަލުކޮށްފަ އެވެ. މައީދު ވަނީ އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ހާމަކުރަން ގޮވާލާފަ އެވެ.
"އީއައިއޭ ކޮބާ؟ ހަނިފަރަކީ އެންމަޑި އާއި ފެހުރި ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ފީޑިން އެގްރިގޭޝަން ސައިޓު. އެއްވެސް ސެޑިމެންޓޭޝަނެއް ނުވަތަ އޮއެވަރަށް ބަދަލެއް ގެނައުމަކީ ޕްލެންކްޓަން ބްލޫމްސް އަށް ސީދާ އަސަރު ކޮށްފާނެ ކަމެއް،" މައީދު ލިޔުއްވި އެވެ.
އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ވެށިސާފު ޖަމިއްޔާއިން ވެސް ވަނީ އެ މަޝްރޫއު ހުއްޓާލުމަށް ގޮވާލައިފަ އެވެ.
"ބަޔޮސްފިއާ ރިޒާވް ސަލާމަތްކުރޭ، އީކޯ ޓުއަރިޒަމުން މިލިއަންތަކެއް ލިބޭއިރު، ހަލާކުގައި އެއްވެސް އެއްޗެއް ނެތް. ފައިދާއަށްވުރެ ގުދުރަތަށް އިސްކަންދީ ހިއްކުމުގެ މަޝްރޫއު ހުއްޓާލާ. ހަނިފަރަކީ މޫދަށް ނިސްބަތްވާ ތަނެއް، ޑިވެލޮޕަރުންގެ ތަނެއް ނޫން،" އެ ޖަމިއްޔާއިން ބުނެފައި ވެ އެވެ.
ހަނިފަރު ބޭ ގައި ހިމެނޭ 529 ހެކްޓަރުގެ ސަރަހައްދެއް އޮންނަނީ ހިމާޔަތްކޮށްފަ އެވެ. އެ ސަރަހައްދުގެ ފަރުތަކަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަންތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނެވެ. ހަނިފަރު ސަރަހައްދަށް ފީނަން 20 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް، ފުޅި އަޅައިގެން އެ ތަނަށް ނުފީނޭނެ އެވެ.
ހަނިފަރަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުން ލިބޭނެ މަޝްރޫއުއެއް ސަރުކާރުން ހިންގާއިރު ކުރިއަށް އޮތް ފަސް އަހަރަށް އެ ސަރަހައްދު ހިމާޔަތް ކުރުމުގެ ޕްލޭނެއް އެކުލަވާލައި އެންވަރަމަންޓު މިނިސްޓްރީން އާންމުކުރީ މި އަހަރު ތެރޭގަ އެވެ.
އެ ޕްލޭންގައިވާ ގޮތުން ހަނިފަރު ބޭ އޭރިއާއަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ ސަރަހައްދުގެ ވަށައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ. ވަކިން ހާއްސަކޮށް ބިން ހިއްކުން ނުރައްކަލެއްގެ ގޮތުގައި ފަލަ އަކުރުން ލިޔެފައިވެ އެވެ.
ހަނިފަރު ބޭގައި ހިންގާ ހަރަކާތްތަކަކީ އެ ސަރަހައްދުގެ ދިރުންތަކަށް ވީހާވެސް ކުޑަ ގެއްލުމެއް ލިބޭނެ ގޮތަށް ހިންގަން ޖެހޭ ހަރަކާތްތަކެއް ކަމަށް އެ ޕްލޭންގައި ބަޔާންކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ