ހައި ކޯޓުގެ ފަނޑިޔާރުކަމަށް މުހައްމަދު ޝަހީދު ހަމަޖައްސަން ޖޭއެސްސީން ނިންމިޔަސް އެ ނިންމުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް ފަނޑިޔާރުން ހުވާ ކުރުން މާދަމާރެއަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އޭގެ ތެރެއިން ދެ ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމުންނެވެ. އެގޮތުން:
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި އައްޔަންކުރީ ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމުން ހުސްވި ދެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަންކުރީ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ސަލީމް
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވި އެވެ.
އޭގެ ތެރެއިން މަގާމަށް އައްޔަނު ކުރުމަށް ޖޭއެސްސީ އިން ފާސްކުރީ ޝަހީދުގެ އިތުރުން ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ އެވެ.
ތަފްސީލް - ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވި އަދި މި ސަރުކާރުގައި ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ސިޔާސީ މަގާމެއް ވެސް އަދާކުރެއްވި ޝަހީދު ހައި ކޯޓަށް އައްޔަން ކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕްރޮސެކިޔުޓަ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދެވެ.
ނައުޝާދު ހުށަހެޅުއްވީ ޖޭއެސްސީން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެވެ.
ނައުޝާދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ، ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ޝަހީދު އެ މަގާމަށް އައްޔަނު ކުރުމަކީ ޝަރުތު ހަމަވާ އެހެން ބޭފުޅުންނަށް ވެވޭ ބޭއިންސާފަކަށް ވާނެތީ، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އޭނާ އައްޔަންކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގަތީ ކަމަށެވެ.
ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ހައިކޯޓުގެ ފަނޑިޔާރުން ހުވާކުރުން މާދަމާރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ