އުމުރު ހަމަނުވާތީ އެލްކޭޖީއަށް ނުވެއްދޭނެކަމަށް ނިންމި ކުއްޖަކު އެ ގްރޭޑަށް ވައްދަން ހައިކޯޓުގެ ވަގުތީ އަމުރެއް
އުމުރު ހަމަނުވެގެން ކަމަށް ބުނެ، މިއަހަރުގެ ދިރާސީ އައު އަހަރު އެލްކޭޖީއަށް ނުވެއްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ކުއްޖަކު 15 ދުވަހުގެ ތެރޭގައި ނާސަރީން އެލްކޭޖީއަށް ބަދަލު ކުރުމަށް އެދި ހައި ކޯޓުން ވަގުތީ އަމުރެއް އިއްޔެ ނެރެދީފިއެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ ކުއްޖާގެ މަންމަ ޔުދްރާއެވެ. މި މައްސަލަ ފެންމަތިވީ، އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި މިދިޔަ އަހަރުގެ ދިރާސީ އަހަރު ސުކޫލުތަކަށް ކުދިން ވެއްދުމާ ގުޅޭ އުމުރުފުރާތައް ކަނޑައެޅިއިރު، އެ ކުއްޖާ ޕްލޭ ސުކޫލުން ބޭބީ ނާސަރީއަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އުމުރު ހަމަނުވާ ކަމަށާއި ޕްލޭ ސުކޫލުގައި ރިޕީޓު ކުރަން ޖެހޭ ކަމަށް ކެންގަރޫ ކިޑްސްއިން އެންގުމާ ގުޅިގެނެވެ. އެހެންވެ، އެ ނިންމުން މުރާޖާކޮށްދިނުމަށް ކުއްޖާގެ މަންމަ މިނިސްޓްރީއަށް ހުށަހެޅުމުން ވަނީ، ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ނިންމާފައެވެ. ހައިކޯޓު: އުމުރުހަމަނުވާތީ އެލްކޭޖީއަށް ނުވެއްދޭނެ ކަމަށް ނިންމި ކުއްޖަކު އެ ގްރޭޑަށް ވައްދަން ހައިކޯޓުގެ ވަގުތީ އަމުރެއް --- ސަން ފޮޓޯ/ އިޙްތިޝާމް މުޙައްމަދު އެ ނިންމުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނާއި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުއްޖާގެ މަންމަ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އެ ކޯޓުން ހުކުމްކޮށްފައި ވަނީ، މިނިސްޓްރީގެ ސާކިއުލާ ކުއްޖާގެ މައްޗަށް ތަންފީޒުކުރުމުގައި ތައުލީމުގެ ގާނޫނާއި ޚިލާފުވެފައިނުވާ ކަމަށާއި ކުއްޖާގެ މަންމަ އެދުނު އެއްވެސް ކަމެއް ފުރިހަމަ ކޮށްނުދެވޭނެ ކަމަށެވެ. އެ ނިންމުމާ ގުޅިގެން މިދިޔަ މަހުގެ 17ގައި އެ ކުއްޖާގެ މަންމަ ވަނީ އޭނާގެ ދަރިފުޅު މި އަހަރު އެލްކޭޖީގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދި ހައިކޯޓަށް ފޯމެއް ހުށަހަޅާފައެވެ. މި މައްސަލައިގައި ފާހަގަކުރި ކަންކަން: އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ޕްރޮމޯޓު ކުރުމަށް ބަލަން ޖެހޭ އުމުރުގެ ކަޓް އޮފް ޑޭޓު ކަނޑައަޅާފައިވާ ގޮތުން، އެލްކޭޖީއަށް ބަދަލުވުމުގެ ފުރުސަތު ނުލިބި، އޭނާގެ ދަރިފުޅު ނާސަރީގައި ރިޕީޓުކުރުމަކީ ކުއްޖާއަށް ލިބޭ ގެއްލުމެއް ކަން ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރީ ގޯސްތަކެއް ހުރުމުން ކަން އެ ކުއްޖާއަކީ ނާސަރީއާއި އެލްކޭޖީގައި ކިޔެވުމުގެ ފެންވަރު ހުރި ކުއްޖަކާ މެދު ބަހުސެއް އުފެދިފައިނުވާކަން ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ހުށަހެޅި ސައިކޮލޮޖިކަލް އެސެސްމަންޓަށް ބަލާއިރު، ކުއްޖާއަކީ މިދިޔަ އަހަރުގެ ދިރާސީ އަހަރު ފެށުނުއިރު، ދެ އަހަރާއި ދިހަ މަހުގެ ކުއްޖަކަށް ވިޔަސް ތިން އަހަރާއި ދެ މަހުގެ ކުއްޖެއްގެ ކިބައިގައި ހުންނަން ޖެހޭ ގާބިލުކަން ހުރި ކުއްޖެއްކަމަށް އެސެސްމަންޓުގައިވާކަން މިދިޔަ އަހަރު ކިޔެވި އެއްޗެހި އަލުން ކިޔަވަން ޖެހުމަކީ އުނގެނުމަށް ކުއްޖާގެ އޮންނަ ޝައުގުވެރިކަމަށް ހުރަސް އެޅޭ ކަމެއްކަން އެއާއެކު، ހައިކޯޓުގެ އަމުރުގައި ވަނީ، މި މައްސަލަ ކޯޓަށް ހުށަހެޅީ ކުއްޖާގެ ހައްގުތައް ހިމާޔަތްކުރުމަށް އެދިކަމަށް ވުމުން އއެ ކުއްޖާގެ މަންމައަކީ މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދެވޭނެ ފަރާތެއް ކަމަށް ބެލެވޭނެ ކަމަށެވެ. އެހެންވެ އެ މައްސަލަ ބެއްލެވި، ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުނު އަމުރުގައި ވަނީ، އެ ކޯޓުން އެހެން ގޮތަކަށް އަންގަންދެން ނުވަތަ ގޮތެއް ކަނޑައަޅަންދެން ވަގުތީ އަމުރު ނެރޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި އެ ކުއްޖާ އެލްކޭޖީއަށް ބަދަލުކޮށްދިނުމަށެވެ. އަދި، ބަދަލުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާއަކަށް އަންގަން އެ އަމުރުގައިވެއެވެ. މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ދީބާނާޒް ފަހުމީއާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ