ކަނޑުމަތީގެ އެކި ހާދިސާތަކުގައި މިދިޔަ ހަތަރު އަހަރުގެެ ތެރޭގައި 112 ޓޫރިސްޓުން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި މިއަދު ވަނީ އެ ތަފާސްހިސާބުތައް އާއްމުކޮށްފަ އެވެ. ފުލުހުންގެ ފަރާތުން ލިބުނު އެ މައުލޫމާތު ހިއްސާ ކުރެއްވީ، ޓޫރިސްޓުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވައިދުތަކާ ގުޅޭ ގޮތުން، ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާ ވާހަކަ ދެއްކުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމެވެ.
ތަފްސީލް - މެމްބަރު އާއްމު ކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖެނުއަރީ 2020 އިން ފެށިގެން މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް މޫދާ ގުޅުން ހުރި އެކި ހާދިސާތަކުގައި 112 ޓޫރިސްޓުން ވަނީ މަރުވެފަ އެވެ. އެއީ:
ޑައިވިން އާއި ސްނޯކްލިންއަށް ގޮސްއުޅެނިކޮށް އުޅަނދެއްގައި ޖެހި އެކަކު
ޑައިވިން އާއި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އުޅަނދެއްގައި ޖެހި ލިބުނު އަނިޔާތަކުގައި ނުވަ މީހަކު
ގެނބިގެން 68 މީހަކު މަރުވި
ޑައިވިން އާއި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް 42 މީހުން
މޫދަށް ވެއްޓި އެކަކު މަރުވި
"މިއީ ތަންކޮޅެއް އެލާމިން ރޭޓެއް ނޫންތޯ. ރާއްޖެއަށް ޑޮލަރު ވަންނަ ހަމައެކަނި ސިނާއަތުގައި މިއީ ގިނަ އަދަދެއް ނޫންތޯ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވަނީ، މިކަމާ ގުޅުން ހުރި ގަވައިދުތަކަށް ފާޑު ވިދާޅުވެފަ އެވެ. މިދިޔަ އަހަރު މިކަމާ ގުޅޭ 'ގަވައިދެއް' ގެޒެޓް ކުރި ނަމަވެސް އެއީ ޒަމާނަށް ނުފެތޭ އަދި ޓޫރިސްޓުންގެ ރައްކާތެރިކަމަށް ޓާގެޓްކޮށްގެން ހަދާފައިވާ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އައިޝަތު އަލީ ވަނީ އެކަން ދިފާއު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މެމްބަރު ހިއްސާ ކުރެއްވި ތަފާސްހިސާބުތަކުގައި ހިމެނޭ ބައެއް މަރުތަކަކީ ސީދާ މޫދާ ގުޅުން ހުރި އެކްސިޑެންޓުތަކުގައި މަރުވި މީހުން ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން، މޫދާ އެހާ ދޯޅަ ނޫން މީހަކު އެއްވެސް އެކްސިޑެންޓެއް ނުވަތަ ހާދިސާއާ ނުލައި ވެސް މޫދަށް އެރި އުޅެނިކޮށް މަރުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޝަތު އަލީ ވިދާޅުވީ މެމްބަރު ހަވާލާ ދެއްވީ ގަވައިދަކަށް ނޫން ކަމަށާއި މިދިޔަ އަހަރު ނެރުނު ސާކިއުލާއަކަށް ކަމަށެވެ. އެކަމަކު ޓޫރިސްޓުންގެ މޫދު ކުޅިވަރާއި މޫދާ ފެނުގެ ހިދުމަތް ދިނުމާ ގުޅޭ ގަވައިދެއް މިހާރު ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އައިޝަތު އަލީ ވިދާޅުވި ގޮތުގައި، އެ ގަވައިދުގައި ބޮޑަށް ފޯކަސްކޮށްފައިވާނީ އެކްސިޑެންޓެއް ނުވަތަ އިންސިޑެންޓަކާ ނުލައި މޫދާ ގުޅުން ހުރި ހާދިސާއެއް ހިނގިޔަ ނުދޭށެވެ. އެގޮތުން، ފަރުވާ ކުޑަވެގެން ނުވަތަ ރަނގަޅަށް ނުބެލެހެއްޓިގެން، ނޫނީ ރަނގަޅު ގަވައިދެއް ނެތިގެން، އެ ފަދަ މަރުތައް ކުރިއަށް އޮތްތަނުގައި ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޝަތު އަލީ ވިދާޅުވި ގޮތުގައި:
އޭގެ މަގްސަދަކީ މޫދާ ގުޅުން ހުރި ހިދުމަތްދޭ ހުރިހާ ވިޔަފާރިތަކެއް ރަޖިސްޓްރީކޮށް، ރަނގަޅު ފެންވަރެއްގައި ހިންގުން
ޓޫރިސްޓުން އުފުލާ ގޮތާއި މޫދަށް އެރި އުޅުމުގައި އަމަލު ކުރަން ޖެހޭ ގޮތް އެ ގަވައިދުގައި އެކުލަވާލާނެ
ވޯޓާސްޕޯޓްސް ހިންގާ ތަންތަން ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭއިރު، ވަޒީފާ އަދާ ކުރާ މީހުންނާއި ގެންގުޅޭ އުޅަނދުތަކުގައި ވެސް މިންގަނޑުތަކެއް ހުންނަން ޖެހޭނެ
މޫދާ ގުޅުން ހުރި ހާދިސާތަކުގައި މިދިޔަ 4 އަހަރު 112 ޓޫރިސްޓުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ