4 އޭޕްރީލް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، މާލޭގެ މަގުތަކުގައި ބައެއް އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅައިފިއެވެ.
މި ނިންމުމަކީ އިންތިޚާބުގެ އިންތިޒާމުތައް ހަރުދަނާކޮށް، އަމާން އޮމާން މާހައުލެއްގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މިގޮތުން ވަކި ކެޓަގަރީތަކުގެ އުޅަނދުތަކެއް ވަކި ވަގުތުތަކެއްގައި ދުއްވުން ވަނީ މަނާކޮށްފައެވެ.
މި ވަގުތުތަކުގައި ދުއްވުން މަނާކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި A, B, C0, C2, D, E ކެޓަގަރީގެ އުޅަނދުތަކުގެ އިތުރުން V ކެޓަގަރީގެ އުޅަނދުތައް ހިމެނެއެވެ.
މި އުޅަނދުތައް ދުއްވުން މަނާކޮށްފައިވާ ވަގުތަކީ އެ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 23:00 ގެ ނިޔަލަށެވެ. މި ވަގުތުތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި މި އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް، މި އެންގުމުން އިސްތިސްނާވާނީ ހަމައެކަނި ޚާއްސަ ހުއްދަ ލިބިފައިވާ އުޅަނދުތަކަށެވެ.
މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" (ގާނޫނު ނަންބަރު: 2009/5) ގެ 5 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި އެންގުމަށް ބޯލެނބުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އިންތިޚާބު އޮންނަ ދުވަހު މާލޭގެ މަގުތަކުގައި ބައެއް އުޅަނދުތައް ދުއްވުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ