އީރާނަށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި އެމެރިކާއިން ހުއްޓާލާނެ ކަމަށާއި، މި ހަނގުރާމަ ނިންމާލުމަށް އީރާނާއެކު އެއްބަސްވުމެއް ހެދުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އީރާނުން ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭ ވަރަށް އެގައުމު "ފަހަތަށް ޖައްސާލެވުމުން" އެމެރިކާއިން އެގައުމުން ފައިބާނެ ކަމަށެވެ. އަދި އީރާނާއެކު އެއްބަސްވުމަކަށް ދިއުމުގެ ބަދަލުގައި، އެމެރިކާއިން ވަރަށް އަވަހަށް އެގައުމު ދޫކޮށް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާގެ 'ޓްރުތު ސޯޝަލް' އެކައުންޓުގައި ލިޔެފައިވަނީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެހީތެރިނުވާ ގައުމުތަކުން ދެން އަމިއްލައަށް ތެޔޮ ހޯދަން ޖެހޭނެ ކަމަށެވެ. "އެމެރިކާއަކުން ދެން އެހީއެއް ނުވާނެ، އަމިއްލައަށް ތެޔޮ ހޯދަން ދާށޭ" ބުނެ ޓްރަމްޕް ވަނީ ގައުމުތަކަށް އިންޒާރު ދީފައެވެ.
ޚާރިޖީ ކަންކަމާ ބެހޭ މާހިރު ތްރީޓާ ފާސީ ބުނާ ގޮތުގައި، ޓްރަމްޕް މި ދައްކާ ވާހަކަތަކަކީ ގަބޫލުކުރަން އުނދަގޫ ވާހަކަތަކެކެވެ. ހަނގުރާމަ ފެށުނުއިރު ހަތަރު ދުވަހުން ނިމޭނެ ކަމަށް ބުނި ނަމަވެސް، ކޮންމެ ތިން ހަފުތާއަކުން އަނެއްކާވެސް ތިން ހަފުތާ އިތުރުވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ. ފާސީ ބުނި ގޮތުގައި މި ހަނގުރާމަ މިހާރު ވަނީ އެމެރިކާގެ ބާރުގެ ދަށުން ނެއްޓި، ބޮޑު ނާކާމިޔާބީއަކަށް ވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މުހިންމު މިޝަންތަކުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް ހަނގުރާމަ މުޅިން ނިމޭނެ ތާރީޚެއް ބުނަން އޭނާ ވަނީ އިންކާރުކޮށްފައެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކާ ގުޅިގެން ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައެވެ.
މި ހަނގުރާމަ ފެށިގެން އައީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތަކެއްދީ އެގައުމުގެ އެންމެ އިސްވެރިޔާ އަދި ރޫޙާނީ ލީޑަރު އަލީ ޚާމަނާއީ އެކު އިސްވެރިންތަކެއް އަވަހާރަކޮށްލުމާއި ގުޅިގެންނެވެ. ބަދަލު ހިފުމުގެ ގޮތުން އީރާނުން ދަނީ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތަު ހުރި ތަންތަނަށާއި އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތައް ދެމުންނެވެ. އަނެއްކޮޅުން އިސްރާއީލުން ދަނީ އީރާނުގެ އިތުރުން ލުބުނާނަށް އަރައިގަނެ، އެގައުމުގެ ބޮޑު ސަރަހައްދަކަށް ބޮން އަޅައި ގިނަ އަދަދެއްގެ އާންމުން މަރަމުންނެވެ.
އީރާން ހަނގުރާމަ ދެތިން ހަފުތާ ތެރޭގައި ނިމޭނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ