ގަޕޯ ވަކިކުރަން ހުށަހެޅި މައްސަލައަށް ގޮތެއް ނިންމަން ހޯމަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކި ކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހެޅި މައްސަލައަށް ގޮތެއް ނިންމަން، އަންނަ ހަފުތާގެ ހޯމަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. ނަމަވެސް ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވާ ގަޑިއާއި ތަން އަދި ހާމައެއް ނުކުރެއެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުން ޣަފޫރު ވަކިކުރަން ހުށަހެޅީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުންނެވެ. ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޢަބްދުލްޣަފޫރުގެ މައްޗަށް އިތުބާރުނެތް ކަމަށް ޕެޓިޝަނެއް ހުށަހަޅައިފައިވަނީ، ހޯމަ ދުވަހުގެރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދެއްވައިފައި ނުވާތީ، އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާ ބޯއިކޮޓްކުރައްވައިފައި ވަނިކޮށެވެ. އެ ޖަލްސާ ބޭއްވީ، ހޮނިހިރު ދުވަހު ބޭއްވި ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށެވެ. އެކަމުގެ ސަބަބުން އެމްޑީޕީގެ އެތެރެ ހޫނުވެފައިވާ މި ދަނޑިވަޅުގައި ޣަފޫރު ވަކިކުރަން މިއަދު ވަނީ 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ ޕެޓިޝަނުގައި ވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި ޢަބްދުލްޣަފޫރު ނިންމުންތައް ނިންމަވަނީ އެހެން ފަރާތަކުން އަންގާ ގޮތަކަށް ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ކުއްލިގޮތަކަށް ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވަކިކުރިކަމަށްވެސް ޕެޓިޝަންގައި ވެއެވެ. https://sun.mv/220331 އެކަމުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދި، ރައްޔިތުންގެ މެދުގައި އެމްޑީޕީއަށް އޮންނަ އިތުބާރު ފަނޑުވާނެ ކަމަށްވެސް، ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ޣަފޫރު ވަނީ އޭނާ އެ މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގޮތް ނިންމެވުމަށް، ގައުމީ މަޖިލީހުގެ މެންބަރުންގެ ވޯޓު ނެގުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އެމްޑީޕީގެ ޗެއާޕާސަން މަގާމުން ވަކި ކުރެވޭނީ ގައުމީ މަޖިލީހުން ހާޒިރުވެ، ވޯޓް ދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މަޖިލީހުގައި 123 މެންބަރުން ތިބޭއިރު ކޯރަމް އަކީ 31 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ